މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު، ފުރަމާނަ ދަތުރުފުޅެއްގައި އެމްއެންޑީއެފް ނޮދަން އޭރިއާއަށް ޒިޔާރަތްކުރައްވައިފިއެވެ.
އެމްއެންޑީއެފުން ބުނީ އިއްޔެ ހެނދުނު ޑިފެންސް މިނިސްޓަރ އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މަޑިވަރަށް ޒިޔާރަތްކުރެއްވުމުން، ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދު އާއި އެ އޭރިއާގެ ސިފައިން ވަނީ ޑިފެންސް މިނިސްޓަރަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވި ކަމަށާއި އެއް ދުވަހުގެ މުއްދަތަށް ކުރެއްވި މި ދަތުރުފުޅުގައި، އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނާ ބައްދަލުކުރައްވައި، އެ އޭރިއާގެ މަސައްކަތްތައް ކުރިއަށްދާގޮތް ޑިފެންސް މިނިސްޓަރ ބައްލަވާލެއްވި ކަމަށެވެ.
މިދަތުރުފުޅުގެ ތެރެއިން، އެމްއެންޑީއެފް ނޮދަން އޭރިއާ، ޅ.މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަށް ޑިފެންސް މިނިސްޓަރ ވަޑައިގެންނެވުމުން، މެރިންކޯ ބޭސިކް ޓްރޭނިންގ ކޯހުގެ ބައިވެރިންވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮނަރގާޑެއް އެރުވި ކަމަށާއި ޅ.މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި ޑިފެންސް މިނިސްޓަރ ވަނީ އެ ސެންޓަރުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާވަރާއި، އެ ސެންޓަރުގައި ކުރިއަށްދާ މަސައްކަތްތައް މިނިސްޓަރު ބައްލަވާލެއްވި ކަމަށްވެސް އެމްއެންޑިއެފުން ބުނެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ ޑިފެންސް މިނިސްޓަރގެ މި ދަތުރުފުޅުގައި، އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި ބްރިގޭޑިއާރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ކާނަލް އިސްމާޢިލް ޝަރީފްގެ އިތުރުން މޭޖަރ އަޙްމަދު އާތިފް އާއި ކެޕްޓަން އިބްރާހީމް އާޒިމް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް