ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ދެ އަހަރަށްފަހު މިއަދު އަލުން ފަށައިފި

ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި ދެ އަހަރަށް ފަހު ފަށައިފިއެވެ. މި މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ހައިކޯޓުގައި ބާއްވާފައެވެ. ޔާމީން ރަޝީދު މަރާލި މައްސަލައިގާ ކުށް ސާބިތު...

22 Jul 2024 | 18:50

ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި ދެ އަހަރަށް ފަހު ފަށައިފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ހައިކޯޓުގައި ބާއްވާފައެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގާ ކުށް ސާބިތު ވެފައިވަނީ، ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށްށެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި، ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުން އުމުރަށް ޖަލަށް ލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފައެވެ.

އެ މައްސަލައިގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން  ވަނީ ހުކުމްކޮށްފައެވެ. ކްރިމިނަލް ކޯޓުން އޭރު އެ މައްސަލައިގައި ހުކުމް ކުރީ، ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާންއާއި، މ. ކުދެހިގެ، ހަސަން ޝިފާޒުއާއި، މ. ތާއިފް، އިސްމާއީލް ރަޝީދު އަދި، ކޮޅުފުށި، އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އޭގެ ތެރެއިން ދިފްރާނާއި އިސްމާއީލް ރަޝީދުގެ މައްޗަށް ދައުވާ ސާބިތުނުވި މައްސަލަ, ޕީޖީ އޮފީހުން އޮތީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން ފަށާފައިވަނީ، އެ އެންމެންގެ ބައި އެއްކޮށް ކުރިއަށް ގެންދާ ގޮތަށެވެ. އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ހައިޝަމާއި ޒިހާންގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރަން އެ މީހުން ހުށަހެޅި މައްސަލައެވެ.

އެގޮތުން ހައިޝަމާއި ޒިހާންގެ ދިފާއީ ވަކީލުން ބުނީ، ހެކިބަސް ދިން ސިއްރު ބައެއް ހެކިވެރިން އެ މީހުންގެ ހެކިބަސް އަނބުރާ ގެންދަން ދަށު ކޯޓަށް ސިޓީ ފޮނުވާފައި ވަނިކޮށް އެއަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމުމަކީ ގާނޫނީ އުސޫލުތަކާ ހިލާފް ކަމެއްކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ވެސް ގަސްދު މަރުގެ މައްސަލަތަކުގައި ހެކިންގެ ހެކިބަސް އަނބުރާ ގެންގޮސްފިނަމަ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ކުށް ސާބިތު ނުވާނެކަމަށް ވެސް ވަކީލުން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ހެކިބަސް ދިން ހެކިންގެ ހެކިބަހުގައި  ފުށުއެރުންތަކެއް ހުރި ކަމަށް ވަކީލުން ވަނީ ބުނެފައެވެ. މީގެއިތުރުން ވަކީލުން ބުނީ، ޔާމީން ރަޝީދު މަރާލި ސަރަހައްދުގައި ދައުވާލިބޭ ބައެއް މީހުން ތިބި ކަމަށް ހެކިން ތަހުގީގުގައި ބުނުމަށްފަހު ކޯޓުގައި އެއާ ތަފާތުކޮށް ހެކިބަސް ދީފައި ވާކަމަށެވެ. އަދި އެއް ތަނެއްގައި އެއް ވަގުތެއްގައި ތިބި ކަމަށް ބުނާ ތިން ހެކިވެރިންގެ ބަހުގައި ވެސް ފުށުއެރުންތަކެއް ހުރި ކަމަށާއި އެކަންކަމަށް ދަށު ކޯޓުން ބަލާފައިނުވާ ކަމަށް ވަކީލުން ވަނީ ބުނެފައެވެ.

ދިފާއީ ވަކީލުން ބުނިގޮތުގައި ވީޑިއޯއިން ފެނުނު މީހަކާ ޒިހާންގެ ހަށިގަނޑުގެ ސިފަތަކާ ދިމާވާ ކަމަށް ފުލުހުން ބުނެފައި ވީ ނަމަވެސް، ވަކި އަދަދަކަށް ސިފަތަކެއް ދިމާވުމަކީ އެއީ ވަކި ކަމެއް ސާބިތުވާނެ ކަމެއް ނޫނެވެ. އަދި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅީގައި ހުރި ކެމެރާއަކުން ނެގި ފިންގަޕްރިންޓް ހައިޝަމްގެ ފިންގަޕްރިންޓާ ދިމާވާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، އޭގެ ޗެއިން އޮފް ކަސްޑަޓީއާ ގުޅިގެން ސުވާލު އުފެދި، އެއީ އުފައްދާފައިވާ އެއްޗެއް ކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަމަށް ދިފާއީ ވަކީލުން ވަނީ ބުނެފައެވެެ.

އެހެންކަމުން، ޒިހާނާއި ހައިޝަމްގެ ފަރާތުން ވަކީލުން އެދުނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށް ދިނުމަށެވެ.

މިއަދަށް ކަނޑައެޅި ވަގުތު ހަމަވުމުން، ދިފްރާނާއި އިސްމާއިލް ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ ބައި މިއަދު ކުރިއަކަށް ގެންގޮސްފައެއް ނުވެެއެވެ.  އެ މައްސަލާގައި އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާން ކުރައްވާފައެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި  ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް