ރައްޔިތުންގެ މަޖިލީސް ކުރިއަށްދާ ވަގުތު ނަމާދު ވަގުތު ޖެހިއްޖެނަމަ، އެކަން އަންގައި ދިނުމުގެ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފިއެވެ.
މިއަދު ޖަލްސާގައި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވާހަކަ ދައްކަވަމުން ދަނިކޮށް، މެންދުރު ވަގުތު ޖެހުމުން މައިކުގެ އަޑު ކަޑުވާލައި، ބަންގީގެ އަޑު މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވާފައެވެ.
މީގެކުރިން ބަންގީގެ ވަގުތުތަކުގައި މަޖިލީސް މެނދުކަނޑައިލުމެއް ނެތި ކުރިއަށް ގެންދެއެވެ.
އެހެން ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށްދާ ވަގުތު ނަމާދުގެ ވަގުތު ޖެހިއްޖެ ނަމަ، މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވާ ގޮތަށް ވަނީ ނިންމަވާފައެވެ.
މި ނިންމެވުމާއި ގުޅިގެން ބާރަށު ދާއިރާގެ މެމްބަރު ވަނީ މަޖިލީހުގެ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ބަންގީގެ އަޑު މަޖިލީހުގައި ގުގުމައިގެން ދިޔުން މިއީ، މަޖިލީހުގެ ރައީސް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައިވެސް ޝުޖާއު ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް