ރާއްޖޭގައި މިހާރު ހުރި ބޮޑެތި މައްސަލަތަކާއި ކަންބޮޑުވުންތައް ނައްތާލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވެރިކަމަށް ގެންނަން ޖެހޭކަމަށް އެ ޕާޓީން ބުނެފިއެވެ.
މިއަދު މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް އަދި ގާސިމްގެ އެޑްވައިޒަރު، އަބްދުﷲ ޖިހާދު ވިދާޅުވީ، ގާސިމް ވެރިކަމަށް ގެނައުމަށްޓަކައި އެޕާޓީން ކުރަމުން އަންނަނީ މަސައްކަތަކީ ވަރަށް މާތް މަސައްކަތެއް ކަމަށެވެ. އަދި ގާސިމަކީ "ވިނިން ފޯމިއުލާ" ކަމަށްވެސް ޖިހާދު ވިދާޅުވެފައިވެއެވެ.
"2013 ގައި ވެސް ވިނިން ފޯމިއުލާއަކީ ޖޭޕީ. 2018 ގަ ވެސް ކާމިޔާބު ކުރެއްވި ޖޭޕީގެ އެއްބާރުލުމާ އެކީގަ. 2023 ގަ އަޅުގަނޑުމެންގެ ޖޭޕީ އަކީ ވިނާސް. ވިނިން ފޯމިއުލާ" ޖިހާދު ވިދާޅުވިއެވެ. އަދި އިންތިހާބުގެ ވޯޓު ލާ ދުވަހު ހުރިހާ ބޭފުޅުން ވެސް ތިބެން ޖެހޭނީ ހިތާ ހިތުން ގާސިމް އާއި ގުޅިފައި ކަމަށްވެސް ގިހާދު ވިދާޅުވެއެވެ. މިއަހަރުގެ އިންތިހާބުގައި ރާއްޖެއަށް ދިމާވެފައިވާ ކަންބޮޑުވުންތައް ނައްތާލަން ގާސިމް ވެރިކަމަށް ގެންނަން ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
މިގެ އިތުރަށް، މި ބައްދަލުވުމުގައި ޖޭޕީން ވަނީ އެޕާޓީގެ ކެމްޕޭނުގެ ހަރަކާތްތަތައް ކުރިއަށް ގެންދާ ގޮތުގައި ތަފްސީލެއް ވެސް ދެއްވާފައެވެ. އަދި މެނިފެސްޓޯގެ ބައެއް ކަންކަން ވެސް މިހާރު އިއުލާނު ކޮށްފައިވާ ކަމަށް ޖިހާދު ވިދާޅުވިއެވެ.
ޖިހާދު އިތުރަށް ވިދާޅުވީ، ގާސިމްގެ ކެމްޕޭނުގެ ތެރެއިން މިހާރު އުތުރާއި ދެކުނުގެ 40 އިންސައްތަ ރަށްތަކުގައި ދޮރުން ދޮރަށް ކެމްޕޭނު ނިމިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް