އަންނަ ދިރާސީ އަހަރު ފެށޭއިރު ހުރިހާ ސްކޫލަކަށްވެސް ބޭނުންވާ މުދައްރިސުން ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ޕީއެސްއެމްއަށް ވިދާޅުވީ، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށާއި، އަދި އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށްވެސް މުދައްރިސުން ހަމަވާނެކަމަށެވެ. އަދި މުދައްރިސުންގެ އިތުރުން، ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި އަތޮޅުތެރޭގެ 14 ސްކޫލެއްގައި ބިދޭސީ ޕްރިންސިޕަލުން ހަރަކާތްތެރިވާނެ ކަމަށް އަހުމަދު ޢަލީ ވިދާޅުވިއެވެ.
"ފެށޭ ދިރާސީ އައު އަހަރަށް ބޭނުންވާނެ ހުރިހާ ޓެކްސްޓު ފޮތްތަކެއް ސްކޫލުތަކަށް ހަވާލު ކުރެވިފައިވާނެ. މިހާރު ކުރިއަށްދަނީ ސްކޫލުތަކަށް ހަވާލުކުރެވިފައިވާ ފޮތްތައް ޗެކްކުރުމަށްފަހު، ހަމަނުވާ ފޮތްތައް ހަމަކޮށްދިނުމުގެ މަސައްކަތް" ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓު ފޮތްތަކާއި ވައުޗަރ އާއި ގުޅޭގޮތުން އަޙްމަދު ޢަލީ ވިދާޅުވިއެވެ. އަދި މަދުވާ ޓެކްސްޓް ފޮތްތައް، މިމަހުގެ 31ގެ ނިޔަލަށް ހުރިހާ ސްކޫލަކަށްވެސް ހަވާލުކޮށް ނިމޭނެކަމަށް އޭނާ ހާމަކުރެއްވިއެވެ.
މީގެ އިތުރަށް، އަންނަ އައު ދިރާސީ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ހޯދުމުގެ މަސައްކަތް މިދިއަ މާރްޗްމަހުން ފެށިގެން ކުރަމުން އަންނަ ކަމަށް ޢަލީ ވިދާޅުވިއެވެ. އެގޮތުން، މިމަހުން ފެށިގެން ބިދޭސީ ޓީޗަރުން ގެނައުމަށްޓަކައި އޮންލައިންކޮށް އިންޓަވިއުތައް ފަށާއިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އިންޓަރވިއު ކުރެވޭ ފަރާތްތަކުގެ ތެރެއިން ރާއްޖެއަށް ގެންނަނީ އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ކަމަށެވެ. އަދި މިފަރާތްތަކުން ހުށަހަޅާ ސެޓްފިކެޓުތަކުގެ ޔަޤީންކަން ކަށަވަރު ކުރާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމް.ކިޔު.އޭ އިންކަމަށާއި ޓީޗަރުންވެސް އަންނަ އޮގަސްޓުމަހުގެ 1 ވަނަ ދުވަހާއި ހަމައަށް، ސްކޫލުތަކަށް ރިޕޯޓުވާން ޖެހޭނެކަމަށް އަހުމަދު ޢަލީ ވަނީ ވިދާޅުވެފައެވެ.
އަންނަ ދިރާސީ އަހަރު އައު ތިން ސްކޫލެއްގެ ކިޔަވާއިދޭން ފެށުމަށްވަނީ ނިންމާފައެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ޞަލާޙުއްދީން ސްކޫލާއި، ހުޅުމާލޭ އެއް ވަނަ ފިޔަވަހީގައި ހުޅުވާ ސީއެޗްއެސްސީގެ އައު ޢިމާރާތާއި، ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. އަންނަ ދިރާސީ އަހަރުގައި، 201 ދުވަހު ސްކޫލުތަކުގައި ކިޔަވާދޭނެއެވެ. އެއީ، ފުރަތަމަ ޓާމުގައި 93 ދުވަހު، އަދި ދެވަނަ ޓާމުގައި 108 ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް