ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ހިތްހަމަޖެހިގެން ނުއުޅެވުނު ކަމަށާއި މާރާމާރީ އާއި ހަމަނުޖެހުން އެއިރު އޮތީ އާންމުވެފައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ގޭގައި ހުރެފައި މަޖިލީހަށް ދިޔަ ދިޔުމާ ދޭތެރޭގައި، މަޖިލީހާ ދިމާލަށް އޮންނަ މަގަށް އަޅާލާއިރު ލޭ މަތިން ހުރަސްކޮށްފައި ކިތަންމެ ދުވަހަކު ދާންޖެހޭ. ރައްޔިތުން އެކަކު އަނެކަކާ ރުޅިގަދަވެ، ކަތިލާފައި ތިއްބާ. ކަޓަރު އަޅާ، މާރާމާރީ ހިންގާ، މިކަންކަން އޮތީ އާންމުވެފަ،" ހުޅުމާލޭ ފޭސް ދޭއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު މާރިޔާ ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ޝިއާރަކީ "އުފާވެރި، އަމާން ރާއްޖެ" އެވެ. މާރިޔާ ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ރައްޔިތުންނަށް ހަމަޖެހުމެއް ލިބިއްޖެ އަމާންކަން ދަމަހައްޓަން އަދިވެސް އެމަނިކުފާނަށް ވޯޓެއް ދޭންޖެހޭ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ސަރުކާރުން ދިން ގޯއްޗާއި ފްލެޓު ހަދައި ނިމުމުން ދިރިއުޅުން ލުއިވެ، މާލޭގެ ކުލި ވެއްޓޭނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެ ޖަގަހަ ފޭސް ދޭއްގައި ހުޅުވުމުގެ ފުރުސަތު ލިބުމަކީ މި ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"ބައެއް ބޭފުޅުންނަށް ހީވަނީ އަޅުގަނޑުމެން ހުޅުމާލޭގައި، ވަކިން ހާއްސަކޮށް ފޭސް ދޭއްގައި ކެމްޕެއިން ކުރުމަކީ ނުވާނެ ކަމެކޭ. މިހާތަނަށް ސިޔާސީ ގޮތުން އެމްޑީޕީއަށް ވެސް ސަރުކާރަށް ވެސް މި ސަރަހައްދާ ގުޅޭ ގޮތުން ދިމާވެފައި ހުރީކީ އެހާ ހިތްހަމަޖެހޭ ކަންތައްތަކެއް ނޫން،" ނިޔާޒް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރުމަށްފަހު އެކަން ދައްކަން އުޅޭ މީހެއް ނޫން ކަމަށާއި ނަމަވެސް ޖަމިއްޔާތަކާއި ރައްޔިތުންނާ ގާތުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ނިޔާޒް އިތުރަށް ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލިއިރު ރައީސް ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްއިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް