އުރީދޫ މަސްރޭސް 2023: އައްޑޫގައި ބާއްވާ މަސްރޭހުގެ ހޯސްޓް ޕާޓްނަރަކަށް އައްޑޫ ސިޓީ ކައުންސިލް

އުރީދޫ މޯލްޑިވްސްގެ އުރީދޫ މަސް ރޭސް 2023 ގައި އައްޑޫ ސިޓީގައި ބާއްވާ މަސްރޭހުގެ ހޯސްޓް ޕާޓްނަރެއްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލް ހަމަޖައްސައިފިއެވެ. އުރީދޫއިން ހާމަކޮށްފައިވާގޮތުގައި އުރީދޫ މަސް ރ...

22 Jul 2023 | 17:32

އުރީދޫ މޯލްޑިވްސްގެ އުރީދޫ މަސް ރޭސް 2023 ގައި އައްޑޫ ސިޓީގައި ބާއްވާ މަސްރޭހުގެ ހޯސްޓް ޕާޓްނަރެއްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލް ހަމަޖައްސައިފިއެވެ.

އުރީދޫއިން ހާމަކޮށްފައިވާގޮތުގައި އުރީދޫ މަސް ރޭސް 2023 ގެ އައްޑޫ ސިޓީ މަސް ރޭސް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގައެވެ. އައްޑޫ ސިޓީއިން މި ރޭހުގައި 13 ޓީމެއް ވާދަކުރާކަން އުރީދޫއިން ފާހަގަކުރެއެވެ.

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މި އަހަރުގެ މުބާރާތް އިއުލާނުކޮށްފައިވަނީ ތަފާތުތަކާއެކު ރާއްޖޭގެ ހަތަރު ސިޓިއަށް ހުޅުވާލައިގެންނެވެ. ހަތަރު ސިޓީއިން 83 ޓީމު ބައިވެރިވެފައިވާއިރު މާލޭ ސިޓީގައި އަންނަ މަހުގެ ހަތަރެއްގައި، ކުޅުދުއްފުށި ސިޓީގައި އަންނަ މަހުގެ 11 ގައި އައްޑޫ ސިޓީގައި އަންނަ މަހުގެ 18ގައި އަދި ފުވައްމުލައް ސިޓީގައި އަންނަ މަހުގެ 25ގައި މި މުބާރާތް ކުރިއަށްގެންދާނެއެވެ.

ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެއެވެ. އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ޓީމުން މިއަހަރުވެސް ވާދަކުރާކަން އެކުންފުނިން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ. އަންހެން ޓީމަކުން ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނާ ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހެވެ.

ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ތިރީގައިވާހެން ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • ތިން ވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ
  • އެންމެ މޮޅު އަންހެން ކެޔޮޅު: 1000 ރުފިޔާ

އުރީދޫ މޯލްޑިވްސްއިން ވަނީ މަސްރޭސް 2023 އަށް ރަޖިސްޓްރީކުރި ހުރިހާ ޓީމަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ލިބުނު ބޮޑު އެއްބާރުލުމަކީ މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބި ކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް