ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. އީސީއިން ބުނީ އިންތިހާބުގައި ރައީސ...

22 Jul 2023 | 07:03

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އީސީއިން ބުނީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންޖެހޭނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ.

އަދި ފޯމުތައް ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އިއުލާނު ކުރައްވާފައެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާނެކަން އިއުލާނު ކޮށްފައި ވާއިރު، އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ފަރާތުން ކަނޑައަޅާފައިވާ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުްދުލްޤައްޔޫމް އެވެ. ނަމަވެސް އެމަނިކުފާނު އަދި ހުންނެވީ ޖަލު ހުކުމެއްގައެވެ.

މޯލްޑިވްސް އްނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމްއެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސްއިން ވެސް ވަނީ އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާނު ކުރައްވާފައެވެ. ނަމަވެސް އެޕާޓީން މިހާތަނަށް ކެނޑިޑޭޓަކު ކަނޑައަޅާފައެއް ނުވެއެވެ.

އިންތިހާބާ ބެހޭގޮތުން އިދިކޮޅު ޕާޓީތަކުން ދަނީ އެއްޕާޓީ އަނެއްޕާޓީ އާއި މަޝްވަރާ ކުރަމުންނެވެ. އަދި 'ކޮމަން ކެނޑިޑޭޓަކު' ނެރުމާ ބެހޭގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެ އެންމެ ފޯރިއާއެކު ކެމްޕޭން ކުރައްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް