ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް އެމްޑީޕީ ކޯލިޝަންގެ އެއް ޕާޓީ އެމްޑީއޭގެ ރައީސް އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުން އެނބުރިވަޑައިގެން އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ރަނިންމޭޓަކަށް ވުމަށް އެއްގޮތަކަށްވެސް ޝައުގުވެރިކަން ނެތް ކަމަށެވެ. ނަވަމެސް މަޖުބޫރީ ހާލަތެއްގައި އެމަގާމަށް ނޫނެކޭ ވިދާޅު ނުވާނެ ކަމަށެވެ.
އޭގެ އިތުރުން ސިޔާމް ވިދާޅުވީ އެމްޑީޕީއާއި އަދާލަތު އަދި އެމްޑީއޭއަކީ އެންމެ ބޮޑު ކޯލިޝަން ކަމަށާއި އެހެން ހުރިހާ ޕާޓީއެއް އެއްކޮށްލި ނަމަވެސް އެމްޑީޕީ ކޯލިޝަނާ ހިސާބަށް ނުދެވޭނެ ކަމަށެވެ.
އެހެންކަމުން ވާދަވެރިން ތިބި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ވ.އަތޮޅުގެ ކެމްޕޭން ނިންމަވައިލެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވި އިރު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވެފައި ވަނީ ރަނިން މޭޓަކު ކަނޑައެޅުއްވުމަކީ ނިންމަވަން ޖެހިވަޑައިގެންފައި އޮތް އުނދަގޫ ނިންމެވުމެއް ކަމަށެވެ.
“އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ.” ރައީސް ވިދާޅުވިއެވެ. އަދި ކޯލިޝަނުގެ ތެރެއިން ރަނިންމޭޓެއް ނެރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ރައީސް ވަނީ އިތުރަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް