ޕާސްޕޯޓު ހިފެހެއްޓި ކަމަށްބުނެ ދޮގު ވާހަކަ ފެތުރީ ޑިމޮކްރެޓްސްއިން ކަމަށް އެމްޑީއޭގެ ރައީސް އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
ސިޔާމް ސިންގަޕޫރުން މާލެ ވަޑައިިގަތީ ރޭގެ ވަގުތެއްގައެވެ. އަދި މާލެ ވަޑައިގަތުމަށްފަހު ވަނީ މީޑިޔާއާ ބައްދަލު ކުރައްވާފައެވެ.
ސިންގްޕޫރުގައި ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށް ބުނެ ފެތުރު ވާހަކަޔަށް އަލިއަޅުވާލައި ސިޔާމް ވިދާޅުވީ އެއްވެސް ވަރަކަށް ޕާސްޕޯޓު ހިފަހައްޓާ، ނުވަތަ ސިންގަޕޫރުގައި ބަންދުކުރުން ފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ކަމެއްވެސް ނޫން ތީކީ. އަޅުގަނޑަށް ތި ހަބަރު ލިބުނީ ހަމަ މީޑިޔާތަކުގެ ހެޑްލައިނުން." ސިޔާމް ވިދާޅުވިއެވެ.
ނޫސްތަކުން ހަބަރު ގެނެސްދޭއިރު ޒިންމާދާރުކަމާއި ޕްރޮފެޝަނަލް ކަމާއެކު ހަބަރު ގެނެސްދިނުމަށް ސިޔާމް ވަނީ ނަސޭހަތްތެރި ވެފައެވެ.
ސިޔާމް ވިދާޅުވީ އެކަމުގެ މައުލޫމާތު ހޯދަން ސިޔާމްއަށްވެސް ނުވަތަ ސިޔާމްގެ ކުންފުންޏަށްވެސް ގުޅާފައި ނުވާ ކަމަށެވެ. އެހެންކަމުން އެފަދައިން ހަބަރު ގެނެސްދިނުމަކީ ޒިންމާދާރުކަން ކުޑަ، ވަރަށް ދެރަ ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ޕާސްޕޯޓް ހިފަހައްޓާފައި ވާކަމަށް އަޑު ފެތުރީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީގެ ލީޑަރު ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އެބޭފުޅުން ކުރެއްވި ކަމެއްގެ ގޮތުގަ އަޅުގަނޑަށް ފާހަގަ ކުރެވިފަ އިނީ. ހަސަން ކުރުސި ކިޔާ މީހަކު ޓުވީޓު ކޮށްލީ. އެހެންވީމަ އެބޭފުޅުން ހިންގި ކަމެއް ކަމަށް އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ" ސިޔާމް ވިދާޅުވިއެވެ.
ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓީ ސިޔާމްގެ ސަން ޓްރެވަލްގެ ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާއެކު ހެދި އެއްބަސްވުން ބާތިލުކުރުމުން ގެއްލުމުގެ ބަދަލު ހޯދަން ހިލްޓަނުން ސިންގްޕޫރު އާބިޓްރޭޝަނަށް ހުށަހަޅައި އެ މައްސަލައިގާ 24 މިލިޔަން ޑޮލަރު ހިލްޓަނަށް ދައްކަން ސިޔާމްގެ މައްޗަށް އިއްވި ހުކުމުގެ މައްސަލައިގައި ކަމަށް ހަބަރުތައް ފެތުރުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް