ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސީޝަލްސްއަށް ވަޑައިގަންނަވާނެކަމުގައި ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
އެގޮތުން މަޖިލީހުން ބުނެފައިވަނީ ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މރ. ރޮޖަރ މަންސިއެންގެ ދައުވަތަކަށް މި ހިނގާ ޖުލައި މަހުގެ 22 އިން 28 އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސިޝެލްސްއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
"އެމަނިކުފާ ސީޝެލްސްއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ." މަޖިލީހުން ބުނެފައިވެއެވެ.
މަޖިލީހުން ބުނެފައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މި ދަތުުފުޅުގައި ސީޝެލްސްގެ ގާނޫނުހަދާ މަޖިލީހަށް ޒިޔާރަތްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތްކުރެއްވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
"ދިވެހިރާއްޖެއާއި ސީޝެލްސްއަކީ ދާދި އެއްގޮތަކަށް އިންޑިއާ ކަނޑުގައި އުފެދިފައިވާ ދެ ގައުމުކަމާއި އަދި ދެ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީވެސް ދާދި އެއްގޮތް ކަންތައްތަކެއް ކަމަށްވެސް ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތު ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް އެކުއެކީގައި މަސައްކަތް ކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ." މަޖިލީހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ދެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ގުޅުން މުސްތަގްބަލުގައި އިތުރަށް ބަދަހިކުރުމާ އަދި ދެ ގައުމުން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއައްސަސާތަކުގެ އެހީގައި ދެ ގައުމުގެ ކުރިއެރުމަށް އިތުރަށް މަސައްކަތްކުރުމުގެ ފުރުސަތުތައް ފަހިކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް