ދުޢާކުރުމަކީ ވަރަށް މާތްވެގެންވާ މަތިވެރި އަޅުކަމެކެވެ. އަލްއިމާމުއްތިރްމިޛީ-رحمه الله-ރިވާކުރައްވައި، އަލްމުޙައްދިޘް އަލްއަލްބާނީ-رحمه الله-ޞައްޙަކުރައްވައި، މާތް ނަބިއްޔާ-صلى الله عليه وسلم-ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ޙަޤީޤީ އަޅުކަމަކީ އެއީ ދުޢާކުރުމެވެ."
އަޅުގަނޑުމެންގެ ދުޢާތައްކުރަންވާނީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ الله تعالى އަށެވެ. އެކަލާނގެފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުގަނޑުމެންގެ ދުޢާތައް އަމާޒުކޮށްގެންނުވާނެއެވެ. އެބަހީ الله تعالى ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނުކޮށްދެވޭނެ ކަމެއްގައި އެހެން ފަރާތަކަށް އެދުމަކީ ހުއްދަކަމެއްނޫނެވެ.
الله تعالى ވަނީ ދުޢާކުރުމަށް ބާރުއަޅުންވާ އަޅުގަނޑުމެންނަށް އެކަމަށް ގޮވާލައްވާފައެވެ. އެކަލާނގެ ސޫރަތުޣާފިރުގެ 60 ވަނަ އާޔަތުގައި ވަޙީކުރައްވާ ބަސްފުޅުގެ މާނައަކީ: "އަދި ކަލޭމެން ހައްދަވާ ބޮޑުކުރައްވާ ރަސްކަލާނގެ ވަޙީކުރައްވަތެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އެދި ދުޢާކުރާށެވެ" މިއީ އެކަލާނގެ އެކަމަށް ލޯބިކުރައްވާކަމުގެ އަލިގަދަ ޙުއްޖަތެކެވެ. ދުޢާކުރުމުގައި ނަމާދުން ބޭރުގައިނަމަ، ތިމާ ބޭނުން ކޮންމެ ބަހަކުން ދުޢާކުރުން ހުއްދައެވެ. އަދި ޚާއްޞަކޮށް، މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުންނާއި ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ދުޢާތައް ހޯދައި، އެ ދުޢާތައް ކުރުން ގިނަކުރުމަކީ މުހިންމު ކަމެކެވެ.
ދުޢާކުރުމުގެ އަދަބުތަކާއި، އަދި ދުޢާ އިޖާބަވުމުގެ ސަބަބުތައް:
– ﷲ ތަޢާލާ އަށް އިޚްލާޞްތެރިވުން
– ﷲ ތަޢާލާއަށް ހަމްދާއި ޘަނާއިން ފެށުން އަދި މާތްނަބިއްޔާ صلى الله عليه وسلمގެ މައްޗަށް ފަށާއިރުއާއި ނިންމާލަމުން ޞަލަވާތްކިޔެވުން
– ﷲ ތަޢާލާ ދުޢާ އައްސަވާވޮޑިގެންވާކަމާއި، އިޖާބަކުރައްވާނެކަމުގެ ޔަޤީންކަން އޮތުން
– ދުޢާކުރުމުގައި އަވަސްވެ ދެމިހުރުމާއި، އަދި އިޖާބާއިގައި އަވަސްވެނުގަތުން. ( قَال صلى الله عليه وسلم : مَا مِن مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ وَلَا قَطِيعَةُ رَحِمٍ ، إِلَّا أَعْطَاهُ اللَّهُ بِهَا إِحْدَى ثَلَاثٍ: إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ ، وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ ، وَإِمَّا أَنْ يَصْرِفَ عَنْهُ مِنَ السُّوءِ مِثْلَهَا))، قَالُوا : إِذًا نُكْثِرُ ؟ ، قَالَ : ((اللَّهُ أَكْثَرُ))([1]) ދުޢާ އިޖާބަކުރެއްވުމުގައި ވަނީ ތިން ގޮތެކެވެ. ޙަދީޘްއިން ދޭހަވާފަދައިން ދުޢާކުރާ މީހާ ދުޢާކުރާހިނދު ފާފަޔަކަށް ނޭދި އަދި ރަޙިމުގެ ގުޅުމެއް ކަނޑާލުމަށް ނޭދޭމީހާއަށް ފުރަތަމަ ގޮތަކީ އެދުޢާއެއް އިޖާބަކުރެއްވުމެވެ. ދެވަނަ ގޮތަކީ އިޖާބަ ޤިޔާމަތްދުވަހާ ހަމައަށް ލަސްކުރައްވައި އޭގެ ބަދަލުގައި ޘަވާބާއި ދަރުމަ ދެއްވުމެވެ. ތިންވަނަ ގޮތަކީ އޭނާއަށް ދިމާވާ މުޞީބާތަކުން މިންޖުކުރެއްވުމެވެ.
– ދުޢާކުރާއިރު ހިތް ޙާޟިރުކޮއްގެންހުރެ ދުޢާކުރުން.
– އުފާ ފާގަތިކަމާއި މުޞީބާތާއި ދަތި ޙާލުގައިވެސް ދުޢާކުރުން.
– ހަމައެކަނި ﷲ ތަޢާލާއަށް ދުޢާދެންނެވުން.
– މުދަލާއި އަނބިދަރިންނާއި ނަފްސުގެ މައްޗަށް ބަދުދުޢާ ނުކުރުން.
– މެދުމިނެއްގެ އަޑަކުން ދުޢާކުރުން.
– ފާފަތަކަށް އިޢްތިރާފްވެ، އެކަމުން ތައުބާވެ އިސްތިޣްފާރުކޮށް އަދި ﷲ ތަޢާލާގެ ނިޢްމަތްތަކަށް އިޢްތިރާފްވެ ޝުކުރުވެރިވުން.
– އަމިއްލަ ނަފްސަށް ބޮޑު ތަކުލީފަކަށް ވާގޮތަށް ދުޢާނުކުރުން.
– މަޑުމޮޅިކަމާއި ޚުޝޫޢަތްތެރިކަމާއި ބިރުވެތިކަމާއި އެކީ ﷲ ޙަޟްރަތުން އެދިދެންނެވުން.
– މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމަކުން ތައުބާވެ އެޙައްގު އަދާކުރުން.
– ދުޢާ ތިންފަހަރު ތަކުރާރުކުރުން.
– ޤިބުލައަށް ކުރިމަތިލުން.
– ދުޢާކުރުމުގައި ދެއަތް އުފުލުން.
– ބުރަކަމަކަށްނުވާނަމަ ދުޢާކުރުމުގެ ކުރިން ވުޟޫކުރުން.
– މާބޮޑަށް ތަފްސީލުނުކޮށް ޖުމްލަވީ ކުރު ޢިބާރާތަކުން ދުޢާކުރުން. މިސާލަކަށް ސުވަރުގޭގެ ނުވަތަ ނަރަކައިގަވާ އެއްޗެތި ވަކިވަކިން ނަންގަތުމުގެ ބަދަލުގަ ސުވަރުގެ ވަންތަވެރިއެއް ކަމުގައި ލެއްވުމަށް ނޫނީ ނަރަކައިން މިންޖުކުރެއްވުމަށް ދުޢާކުރުން.
– އެހެންމީހަކަށް ދުޢާއެއް ކޮށްދޭއިރު އެންމެ ފުރަތަމަ ތިމާގެ ނަފުސުން ފެށުން.
– ދުޢާކުރާއިރު ވަސީލަތެއްގެ ގޮތުގައި الله ގެ ރިވެތި އިސްމުފުޅުތަކާއި މަތިވެރިވެގެންވާ ސިފަތަށް ބޭނުން ކުރުން، ނުވަތަ ތިމާއަށް ކުރެވިފައިވާ ޞާލިޙް ޢަމަލެއް މެދުވެރިކޮށް، ނުވަތަ ދުނިޔޭގަ ދިރިހުރި ޞާލިޙް މީހެއް މެދުވެރިކޮށް ދެންނެވި ދާނެ.
– ކައިބޮއި ހަދާ އެއްޗިއްސާއި ލައި އަންނައުނަކީ ހަލާލު އެއްޗެތިކަމުގާއިވުން.
– ނުބައި ކަމަކަށް ނުވަތަ ރަޙިމުގެ ގުޅުން ކަނޑާލުމަށް ދުޢާނުކުރުން.
– ރަނގަޅު ކަންތަކަށް އަމުރުކޮށް ނުބައި ކަންތަށް މަނާކުރުން.
– ހުރިހާ ނުބައި ކަމަކުން ދުރުވެގަތުން.
ދުޢާ ޢިޖާބަ ކުރަނިވި ވަގުތުތަކާއި ޙާލަތުތަކާއި ތަންތަން:
– ليلة القدر ވިލޭރޭ.
– ރޭގަނޑު ދަންވަރުގެ ފަހުބާއި.
– ކޮންމެ ފަރުޟު ފަސްނަމާދެއްގެ ފަހުގައި.
– ބަންގި އާއި ގަމަތާއި ދެމެދު.
– ފަރުޟު ފަސްނަމާދަށް ގޮވާލެވޭހިނދު.
– ވާރޭ ވެހޭ ހިނދު.
– ހަނގުރާމައިގައި އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލާ ހިނދު.
– ހުކުރު ދުވަހުން ބައެއްގައި. ( އެންމެ ރާޖިޙު ގޮތްތަކުގެ ތެރޭގައި : * އެއީ ހުކުރު ދުވަހުގެ އަސުރު ވަގުތުގެ ފަހުބައިގައި ކަމަށް ބުޚާރީ އާއި މުސްލިމްގެ ރިވާޔަތުގަ ވާރިދުވެގެންވޭ. * ނުވަތަ އިމާމް މީހާ މިންބަރަށް އަރައިވަޑައިގެން އިށީންނަ އިރުން ފެށިގެން ނަމާދު ނިމެންދެންނެވެ.)
– ސަޖިދާގަވާ ވަގުތު.
– ރޭގަނޑު ނިދިންހޭލާއިރު ކުރެވޭ ދުޢާ (لَا إِلهِ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ المُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ. الحَمْدُ لِلهِ، وَسُبْحَانَ اللهِ، وَلَا إِلهَ إِلَا اللهُ، وَاللهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ. ދެން ކިޔާނީ : اللَّهُمَّ اغْفِرْ لِيْ ނޫނީ ކުރަންބޭނުންވާ ދުޢާއެކެވެ.)
– ތެދުވެރި ނިޔަތަކާއެކު ޒަމްޒަމް ފެން ބޯހިނދު ކުރާ ދުޢާ .
– މިފަދައިން ދުޢާކުރުމުން ( يونس عليه السلام ބޮޑުމަހުގެ ބަނޑުގަވަނިކޮށް ކުރެއްވިދުޢާ ) لَا إِلهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنِ.
– ޢަރަފާތު ދުވަހު ކުރެވޭ ދުޢާ.
– މުޞީބާތެއް ދިމާވާހިނދު ކެތްތެރިވެ ، އެކަމަށް އަޖުރުލިބުމަށް އެދި ބަދަލުގައި ރަނގަޅު ގޮތެއް މެދުވެރިވުމަށް ކުރާ ދުޢާ إِنَّا لِلهِ وَإِنَّا إِلَيْهِ رَاجِعُوْن، اللَّهُمَّ أَجُرْنِيْ فِيْ مُصِيْبَتِيْ، وَ أَخْلِفْ لِيْ خَيْراً مِنْهَا.
– މައިންބަފައިން ދަރިންނަށް އަދި ދަރިން މައިންބަފައިންނަށް ކުރާ ދުޢާ.
– ދަތުރުކުރާއިރު ދަތުރުވެރިޔާގެ ދުޢާ.
– ރޯދަވީއްލާއިރު ކުރެވޭ ދުޢާ.
މިލިޔުމަށް މައުޅުމާތު ނަގާފައިވަނީ ދިދަފިއްޔާއިން ނާއި ދަ އިސްލާމިކް ރިލިޖަން އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް