ހުކުރު ދުވަހު ކަޙަފް ސޫރަތް ކިޔެވުމާއި ކީރިތި ރަސޫލާ ގެ މައްޗަށް ޞަލާވާތްކިޔެވުން ގިނަކުރުން

ހުކުރު ދުވަހުގެ މާތްކަމާ މަތިވެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި އެދުވަހުގެ ވަޤުތުތައް އަޅުކަމަށް ޚާއްޞަ ކުރެއްވުމަކީ މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ހިދާޔަތުގެ ތެރެއިންވ...

22 Jul 2022 | 07:00

ހުކުރު ދުވަހުގެ މާތްކަމާ މަތިވެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި އެދުވަހުގެ ވަޤުތުތައް އަޅުކަމަށް ޚާއްޞަ ކުރެއްވުމަކީ މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ހިދާޔަތުގެ ތެރެއިންވާ ކަމެކެވެ. އެގޮތުން އެދުވަހުގައި އެކަލޭގެފާނުގެ ބައެއް ޢަމަލުފުޅުތަކަށް ބަލާލައިފި ކަމުގައިވާނަމަ އަޅުގަނޑުމެންނަށް މިކަން ވަރަށް ރަނގަޅަށް ސާފުވެގެންދާނެއެވެ.

ހުކުރު ދުވަހުގެ ފަތިސްނަމާދުގައި އެކަލޭގެފާނު سورة السجدة އަދި سورة الإنسان ކިޔަވާވިދާޅުވައެވެ. އަދި ހަމައެހެންމެ ހުކުރު ނަމާދަށް ޚާއްޞަކޮށް ހިނައިގަތުމާއި، މީރުވަސްދުވާ ހުނވަދު ތުރުކުރައްވަވައެވެ. އެދުވަހުގެ ޖަމާޢަތަށް ޙާޟިރުވާހިނދު އެންމެ ރީތި ހެދުން ތުރުކުރައްވައެވެ. އަދި އެދުވަހުގެ ޖަމާޢަތަށް މިސްކިތަށް އަވަހަށް ދިއުމަށް ބާރުއަޅުއްވާފައި ވެއެވެ. ހަމައެހެންމެ އިމާމު މީހާ މިންބަރަށް އަރައިފުމަށްދާންދެން ސުންނަތް ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމުގައި މުޝްޣޫލުވުމަށް ބާރު އަޅުއްވާފައިވެއެވެ.

ހަމައެފަދައިން ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔުމަކީ މަތިވެރި ސުންނަތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ)) މާނައީ: “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.” އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ. ((من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق)) މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ.”

ވީމާ، ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުން (އެބަހީ ޝަރުޢީ ގޮތުން ރޭގަނޑު ފެށުމުން) ގޮސް ހުކުރު ދުވަހުގެ އިރު އޮއްސުމާ ހަމައަށް (ހުކުރު ދުވަހުގެ މަޣްރިބް ނަމާދު ވަގުތު) ކަހަފު ސޫރަތް ކިޔެވޭނެއެވެ. މި ސޫރަތް އެއްފަހަރާވެސް ކިޔެވޭނެއެވެ. އަދި ބައިބަޔަށް ބަހައިގެންވެސް ކިޔެވޭނެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.” (ޞަޙީޙުލް ޖާމިޢު 6470).

ހުކުރުދުވަހާއި ހުކުރުވިލޭރޭ ރަސޫލުﷲގެފާނު މައްޗަށް ޞަލަވާތްކިޔެވުން އިތުރުކުރުމަށް، އެކަލޭގެފާނު އިރްޝާދުދެއްވާފައި ވެއެވެ. ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “ހުކުރުދުވަހު ތިމަން ކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުން ޞަލަވާތް ކިޔެވުން އިތުރުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެއީ މަލާއިކަތްބޭކަލުން ހެކިވެވަޑައިގަންނަވާނެ ދުވަހެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާ އަވަދިވާއިރަށް އެ ޞަލަވާތެއް، ތިމަންކަލޭގެފާނުގެ މައްޗަށް ހުށަހަޅުއްވާދެއްވާނެތެވެ. ދެންނެވުނެވެ. ސުވަރުގެ ވަޑައިގަތުމަށް ފަހުގައި ވެސް ތޯއެވެ. ޙަދީޘްކުރެއްވިއެވެ. ސުވަރުގެވަޑައިގެންނެވުމަށް ފަހުގައި ވެސްމެއެވެ. ފަހެ، ހަމަކަށަވަރުން ނަބީބޭކަލުންގެ ހަށިކޮޅުތައް ކެއުމަކީ މާތްﷲ ބިމަށް ޙަރާންކުރައްވާފައިވާ ކަމެކެވެ. ފަހެ، ﷲގެ ނަބީންނަކީ ދިރިދެމިގެންވާ ރިޒްޤުދެއްވަވާ ބަޔެކެވެ.”

އެހެން ޙަދީޘެއްގައިވެއެވެ. “ތިޔަބައިމީހުން ހުކުރުވިލޭރެ އާއި ހުކުރުދުވަހު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ. އެކަންކުރިމީހާ އަށް ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނުގެ ހެކިބަސްފުޅާއި ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭނެތެވެ.” ރަސޫލުﷲގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތްﷲ ކީރިތިޤުރްއާނުގައި އެކަމަށް އަމުރުކުރައްވާފައިވާތީއެވެ. މުސްލިމުންގެ ޢީދުދުވަސްކަމުގައިވާ ހުކުރުދުވަހު އެކަލޭގެފާނުގެ މަތިން ހަނދުމަކުރުމަކީ މި މުނާސަބަތާ އެންމެ ގުޅޭ އެއް ކަންތައްކަން ކަށަވަރެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އެކަލޭގެފާނަށް އޮތް ލޯބީގެ މިންވަރު ހާމަކޮށްދޭނެ ކަމެއް ވެސްމެއެވެ. ހަރުބަހެއް ބުނާގޮތުގައި “ލޯބިވާ މީހެއްގެ ވާހަކަ ގިނަގނައިން ދެއްކޭނެއެވެ.” ކީރިތިރަސޫލާގެ އަރިހުގައި ހުކުރުދުވަހަށާއި ހުކުރުވިލޭރެއަށް ލިބިފައިވާ މަޤާމުގެ މަތިވެރިކަމުން އެކަލޭގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ހުކުރުދުވަހަށް “އަލްޔައުމުލް އަޒްހަރު” އަދި ހުކުރުވިލޭރެއަށް “އައްލައިލަތުއް ޒަހްރާ” ގެ ނަން ދެއްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް