ފޭސް ދޭއްގެ ފުރަތަމަ ސްކޫލް، ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ސެޕްޓެމްބަރު މަހު ކިޔަވައިދޭން ފަށަނީ

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތް ކުރަމުންދާ ސްކޫލްގައި ކިޔަވައިދޭން ފަށަން ތައްޔާރުވެއްޖެ އެވެ. މި ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ނަމަކީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލެވެ. ސްކޫލް އިމާރާތް ކު...

22 Jul 2022 | 03:21

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތް ކުރަމުންދާ ސްކޫލްގައި ކިޔަވައިދޭން ފަށަން ތައްޔާރުވެއްޖެ އެވެ.

މި ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ނަމަކީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލެވެ. ސްކޫލް އިމާރާތް ކުރަމުން ދަނީ ހިޔާ ޓަވަރު ހަތަރަކާއި ޖެހިގެން އަތިރި މައްޗަށް އޮންނަ ބިމުގައި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ވަނީ މި ސްކޫލްގެ ވަޒީފާތަކަށް ބޭނުންވާ މަގާމުތަކަށް މީހުން ހޯދުމަށް އިއުލާނުކޮށްފަ އެވެ. ވަޒީފާތަކުގެ ތެރޭގައި ޕްރީ ސްކޫލް އަދި ޕްރައިމަރީ ޓީޗަރުންގެ އިތުރުން ޕްރިންސިޕަލް އާއި އެޑްމިންގެ ވަޒީފާތަކުގެ އިތުރުން މަސައްކަތު މީހުން ހިމެނެ އެވެ.

އަދި އިއްޔެ ވަނީ ސްކޫލުން ޖާގަ ލިބިފައިވާ ދަރިވަރުންނަށް އެކަން އަންގަން ފަށާފަ އެވެ. އެ ސްކޫލުން ޖާގަ ދެމުންދާ ދަރިވަރުންގެ ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާ މެސެޖުގައި ބުނެފައިވަނީ އެ ސްކޫލްގައި ރަސްމީކޮށް ކިޔަވައިދޭން ފަށާނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

އެހެންވެ ދިރާސީ އާ އަހަރު ފެށޭ އޮގަސްޓު ހަތް ވަނަ ދުވަހުން ފެށިގެން އެ ދުވަހާއި ޖެހެންދެން ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގެ ދަރިވަރުން ކިޔަވަން ދާނީ ވަގުތީ ގޮތުން ޖާގަ ހަމަޖައްސައިދީފައިވާ ހުޅުމާލޭގެ އެހެން ސްކޫލްތަކަށް ކަމަށެވެ. އެ ދަރިވަރުން ވަގުތީ ސްކޫލްތަކަށް ކިޔަވަން ދިއުމަށް ހަމަޖައްސާފައިވަނީ ކާމިލް ދީދީ ސްކޫލްގެ އެކްޓިވިޓީ ޔުނިފޯމްގައި އެވެ.

އެ ސްކޫލާއި ގުޅޭ މައުލޫމާތާއި ފޮތް ލިސްޓު ދޫކުރުމާއި އެނޫން އިންތިޒާމްތައް ދަރިވަރުންނަށް ހަމަޖައްސައިދެމުންދާނީވެސް އެ ދަރިވަރަކު ދާން ހަމަޖައްސާފައިވާ ވަގުތީ ސްކޫލުން ކަމަށް ބުނެފައިވެ އެވެ.

މި ސްކޫލާއި ގުޅޭގޮތުން އެ މިނިސްޓްރީން މީޑިއާގައި ރަސްމީކޮށް އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި މި ސްކޫލުން ޖާގަ ދެމުންދަނީ ފޭސް ދޭއްގައި ދިރިއުޅެމުންދާ ދަރުވަރުންނަށްށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި މިއަހަރު ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ އެލްކޭޖީން ފެށިގެން ގްރޭޑް ހަޔަކާއި ހަމައަށެވެ.

މި ސްކޫލް އުފެއްދަން ނިންމުމާއި އެކު ހުޅުމާލޭގައި މިހާރު އެލްކޭޖީ ކިޔަވައިދޭ ހުރަވީ ސްކޫލުން އެ ގްރޭޑު ވަނީ އުވާލާފަ އެވެ. ރެހެންދި އަދި ގާޒީ ސްކޫލުންވެސް އެލްކޭޖީ އުވާލަން ނިންމާފައިވާ ކަމަށްވެ އެވެ.

އޭގެ ބަދަލުގައި އެ ގްރޭޑްގެ ދަރިވަރުންނަށް ޖާގަ ދެމުންދަނީ ފޭސް ދޭއްގެ އާ ސްކޫލުންނާއި މުހައްމަދު ގާސިމް ޕްރީސްކޫލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް