ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު އަހޫޖާ ބަނޑުބޮޑު ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރަނގަޅު ޖަވާބެއް ދީފި އެވެ.
ސޯނަމް މިދިޔަ އަހަރު ފަހުކޮޅު އިނގިރޭސިވިލާތުގެ ލަންޑަނަށް ދިއުމަށް ފަހު އެނބުރި އިންޑިއާގެ މުމްބާއީއަށް ދިޔައީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އެވެ. އޭނާ ބަލާ އެއާޕޯޓަށް ގޮސް ހުރީ ބައްޕަ އަނިލް ކަޕޫރެވެ.
އެހާގިނަ ދުވަސް ކޮށްފައި ދިމާވުމުން ސޯނަމް ވަގުތުން ބައްޕަ ފެނުމުން ރޯން ފަށިތަން ވީޑިއޯތަކުން ފެނިފައިވާއިރު އާންމުވި ވީޑިއޯތަކުން ސޯނަމް ފެނުނު ގޮތުން އޭނާ ލައިގެން ހުރި ހެދުމާއި ހިނގި ގޮތުން ގިނަ ބަޔަކު ވަނީ ސޯނަމް ބަނޑުބޮޑު ކަމަށް ތުހުމަތުކޮށްފައި އެވެ.
އެ އަޑު ވަރަށް ބޮޑަށް ގަދަވެފައި ވަނިކޮށް އިއްޔެ ސޯނަމް ވަނީ ފެންތަށްޓެއް ބޯން އިން ވީޑިއޯއެއް ރަސްމީ އިންސްޓަގްރާމް ޕޭޖުގެ ސްޓޯރީއަށް ލާފަ އެވެ. އެ ވީޑިއޯގެ ތިރީގައި ލިޔެވެފައިވަނީ އޭނާގެ ޕީރިއަޑުގެ ފުރަތަމަ ދުވަހު ހޫނު ފެން ފުޅިއަކާއި އިނގުރު ސައި ތަށްޓެއް ބޮނީ ކަމަށެވެ.
މިހާ ހިސާބުން މިއޮތީ ސޯނަމް ބަނޑުބޮޑު ނޫންކަން އެވާހަކަ ދައްކާ ފަރާތްތަކަށް ޔަގީންވެފައި އެވެ. މިހާތަނަށް ސޯޝަލް މީޑިއާގައި އޭނާ ބަނޑުބޮޑު ކަމަށް ބުނެ ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ޖަވާބު ދީ ރައްދުދީފައެއް ނުވެ އެވެ.
މި ވޭތިވެދިޔަ ހައެއްކަ މަސްތުވަހު ފިރިމީހާ އަނަންދު އަހޫޖާ އާއި އެކު ލަންޑަން ގައި ގައުމަށް ނުގޮސް އުޅުނީ ކޯވިޑްގެ ހާލަތު ގޯސްވެ މުމްބާއީ ލޮކްޑައުންކޮށް އޭނާ ސޮއިކޮށްފައި ހުރި ހުރިހާ ފިލްމެއްގެ މަސައްކަތް މެދުކަނޑާލާފައި އޮތުމުންނެވެ.
ސޯނަމް އެނބުރި މުމްބާއީއަށް ދިޔައީ އޭނާގެ ހުއްޓިފައި ހުރި ފިލްމުތަކުގެ މަސައްކަތްތައް ފެށުމަށެވެ. އެގޮތުން ސޯނަމްގެ ފިލްމު “ބްލައިންޑް” ގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް