ގާސިމްގެ ފުރާނައަށް ނުރައްކާވެފައި، އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެޗްއާރުސީއެމްގައި އެދެފި

އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދަ ލިބިފައި ނުވާތީ އެ މައްސަލަ ހިއުމަން ރައި...

22 Jul 2017 | 08:42

އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދަ ލިބިފައި ނުވާތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފްދި މޯލްޑިވްސްއަށް ހުށަހަޅައިފި އެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާސިމްގެ ހާލުކޮޅު އެއްދުވަހުން އަނެއް ދުވަހަށް ދަށްވެ، ފުރާނައަށް ނުރައްކާތެރިވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް އެދިގެންވެސް މިހާތަނަށް ބޭރަށް ފުރުމުގެ ހުއްދަ ދީފައި ނުވާ ކަމަށެވެ. ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ގާސިމްގެ ޕާސްޕޯޓު ދޫކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށްވެސް މިދިޔަ ހަފްތާގައި ސިޓީއެއް ފޮނުވާފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ކޮންމެ މީހަކަށްމެ ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފުސު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އެޙައްގަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާސިމަށް ވެސް އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ލިބެންޖެހޭ ހައްގެއް ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ މުއައްސަސާތަކުގެ އަމަލުތައް ހުރި ގޮތުން ގާސިމްގެ ފުރާނަފުޅާއި މެދު ނަގަން ޖެހިދާނެ ޒިންމާއަކަށް ޖެހިލުމެއް ނެތްކަން އެނގިގެންދާ ކަމަށެވެ.

ބަޔާނުގައި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައިވަނީ ގާނޫނު އަސާސީއާއި އެއްގޮތަށް، އިންސާފުވެރިކަމާއި އިންސާނިއްޔަތުކަމާއެކު ދިވެއްސަކަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތަށް ގާސިމްއަށް ތަނަވަސްކޮށްދިނުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް، އެމަނިކުފާނުގެ ޕާސްޕޯޓު ދޫކޮށްދިނުމަށެވެ. ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާފައިވަނީ ގާސިމްގެ އާއިލާއަށް އެއްބާރުލުންދީ އޭނާގެ ހައްގުތަށް ކަށަވަރުކޮށްދިނުމަށެވެ.

ގާސިމްގެ މެއަށާއި ބޮލަށް ތަދުވެ ނޭވާ ކުރުވާގޮތް ދިމާވެގެން މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރީ އެރޭ ރާއްޖެއިން ބޭރަށް ގެންދަން އެއާޕޯޓަށް ގެންދިޔަފަހުން ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް އެންގުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް