ރައްޔިތުންގެ މަޖިލީހުގެ ހަތަރު ގޮނޑިއެއް ހުސްވެފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން އިއުލާނު ކުރި ދާއިރާތަކުގައި ޕީޕީއެމްއިން ކެމްޕެއިން ފަށައިފި އެވެ.
ބައި އިލެކްޝަން ބާއްވަން ނިންމާފަިއވަނީ ތުލުސްދޫ ދާއިރާ، ދިއްދޫ ދާއިރާ، މަޑުއްވަރީ ދާއިރާގެ އިތުރުން ވިލިނގިލީ ދާއިރާ އެވެ.
ޕީޕީއެމްގެ ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރަމުންދާ މި ދަތުރުތަކުގައި އިއްޔެ ވަނީ ތުލުސްދޫ ދާއިރާ، ދިއްދޫ ދާއިރާ އަދި މަޑުއްވަރީ ދާއިރާގެ ރަށްރަށަށް ޓީމުތައް ފުރާފައި އެވެ. ރޭ އެ ޓީމުތަކުގައި ބައިވެރިވި ލީޑަރުން ވަނީ އެ ރަށްރަށުގެ އާންމުންނާއި އެކު ބައްދަލުވުންތަކެއް ބާއްވާފައި އެވެ.
ދަތުރުތަކުގައި ބައިވެރިވި ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު، ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިޒު، އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ހިމެނެ އެވެ. މަޖިލީސް މެންބަރުންގެ ތެރޭގައިނައިބު ރައިސް ރީކޯ މޫސާ މަނިކު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފަދަ ބޭފުޅުން ހިމެނިވަޑައިގެންނަވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް