ލ އަތޮޅުގެ ވެރިކަންކުރާ ރަށް، ލ ފޮނަދޫ އާއި ލ ގަން ގުޅުވައިދޭ ލިންކް ރޯޑް ސާފު ކުރުމުގެ މަސައްކަތް ފޮނަދޫ ކައުންސިލްގެ އިސް ނެގުމުގެ ދަށުން ފޮނަދޫ ރައްޔިތުން ނިކުމެ ފަށައިފި އެވެ.
މިއަދު 6:30 ގައި ފެށި މި ހަރަކާތާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދޅުވީ މި ހަރަކާތަކީ ފޮނަދޫ ކައުންސިލްގެ އިސްނެގުމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި ލިންކް ރޯޑް ސާފު ކުރުމުގެ މަސައްކަތުގައި ފޮނަދޫ ކައުންސިލް މުވައްޒަފުންނާއި ފޮނަދޫގައި ގާއިމްކޮށްފައިވާ އެކި އެކި މުއައްސަސާތަކާއި ފޮނަދޫ ރައްޔިތުން ބައިވެރިވާ ކަމަށެވެ.
ހެނދުނު 10:30 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތާއި ބެހޭގޮތުން ރިޔާޒް އިތުރަށް ވިދާޅުވީ މި ހަރަކާތް ކުރިއަށްދާއިރު ލ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންވެސް ރަށް ސާފު ކުރުމުގެ މަސައްކަތެއް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ރަށުގެ ބަނދަރު ސަރަހައްދުން ޕްލާސްޓިކް ފުޅި އެއްކުރުމުގެ ހަރަކާތެއް ދަރިވަރުން ކުރިއަށްގެންދާ ކަމުގައި ރިޔާޒް ވިދާޅުވި އެވެ.
"ޕްލާސްޓިކް ފުޅި އެއް ކުރުމަށްފަހު ބީމް ޖަމިއްޔާ މެދުވެރިކޮށް ފުޅިތައް ޕާލޭ ކުންފުންޏަށް ފޮނުވާލާގޮތަށް އިންތިޒާމް ހަމަޖެހިފައިވަނީ" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ ލިންކް ރޯޑް ސާފު ކުރުމުގެ ހަރަކާތަކީ ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި މިފަދަ ހަރަކާތްތަކުގައި ލ ފޮނަދޫ ރައްޔިތުންނާއި މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ވަރަށް ފުރިހަމަގޮތެއްގައި ލިބެމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް