ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިއަހަރު ހުރިހާ ސްކޫލެއް އޭސީކޮށް ނިމޭނެ: ވަޒީރު

"ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ސްކޫލުތަކަށް މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާލެވޭނެ ކަމަށް ތަޢުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާ...

22 Jun 2025 | 15:12

"ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ސްކޫލުތަކަށް މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާލެވޭނެ ކަމަށް ތަޢުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "މަތީ އަރުތަވެރީންގެ އިނާމު 2024" ދިނުމަށް ބާއްވާ ޖަލްސާގެ ތިންވަނަ ދަންފަޅީގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ ދަރިވަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު މުދައްރިސުންނަށް ފަހި ވެއްޓެއް ގާއިމުކުރުމަށް މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވޭނީ ދަރިވަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު, ހިތްހަމަޖެހޭ ސްކޫލު ވެއްޓެއް ޤާއިމުކޮށްގެން ކަމަށެވެ.

"ހޫނު ގަދަ ވެއްޓެއްގައި ނުކިޔެވޭނެ. ވަރުބަލިވާނެ. ނިދި އަންނާނެ، ދޭން ޖެހޭ ސަމާލުކަމެއް ނުދެވޭނެ، އަދި ހަމަ މި ލޮޑުކަން މުދައްރިސުންނަށް ވެސް އަންނާނެ، މިކަން ޙައްލުކުރުމަށްޓަކައި ރާވާލެވިފައިވާ ކޫލް ސްކޫލް ޕްރޮޖެކްޓް މިދަނީ ތަންފީޒުކުރެވެމުން، އަޅުގަނޑުމެންގެ ޓާގެޓަކީ ސެޕްޓެންބަރު ނިމުމުގެ ކުރިން ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ އޭސީތައް ފޯރުކޮށްދީ, މުޅި މި ޕްރޮޖެކްޓް މިއަހަރުގެ ތެރޭގައި ތަންފީޒުކޮށް ނިމިގެން ދިއުން" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ 2024 އަހަރާ އަޅާ ބަލާއިރު 2025 ވަނަ އަހަރު ތަޢުލީމީ ދާއިރާގެ ބަޖެޓަށް 300 މިލިއަނެއްހާ ރުފިޔާ އިތުރުކުރެވިފައިވާ ކަމަށާއި ދަރިވަރުންނަށް ދޭން ޖެހޭ ވަސީލަތްތައް ދެނެގަތުމާއި އެކު ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ކަމަށްވާ ކޫލް ސްކޫލް ޕްރޮޖެކްޓް, ޓެކްނޮލޮޖީ އިންޓަގްރޭޝަން އަދި މެނިފެސްޓޯގައި ހިމެނޭ ޓީޗަރުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ފަދަ ކަންކަން ތަންފީޒުކުރުމަށް އެކަށީގެންވާ ބަޖެޓެއް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނުއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް