ވެހިކަލްތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެގޮތަށް އިތުރު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މުޅި ޓްރެފިކް މައްސަލައަށް ހައްލު ގެނައުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކުގެ ޑްރާފްޓް ތައްޔާރުކޮށް މަޖިލީހަށް ހުށައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު އޮތް ޤާނޫނުގެ ދަށުންވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ، މިހާރު އޮތް ޤާނޫނުގެ ދަށުން ތާރޑް ޕާޓީ އިންޝުއަރެންސްގެ ތެރެއިން އިތުރު އިންޝުއަރެންސް ޕެކޭޖެއް ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭގައި ތަޢާރަފް ކުރެވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި އައު ކޮމްޕްރެހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފު ކުރެވިގެން ދާނެ ކަމަށެވެ.
މީގެ އިތުރުން އައު ޤާނޫނު ފާސްވެގެން އައުމާއެކު ޓްރެފިކް މައްސަލަތަކަށް ހައްލު އަންނާނެ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް