ޓާގެޓަކީ 2027ވަނަ އަހަރު ނިމުމުގެ ކުރިން ހޯޕް އައިލެންޑުގެ މަސައްކަތް ނިމި ކުޑަކުދިންނަށް ލިބެންޖެހޭ ފަރުވާގެ ކަންކަން ފެށިގެން ދިޔުން ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯޕް އައިލެންޑްގައި ކުޑަކުދިން ޢުމުރުން 18 އަހަރު ވަންދެން އެ ކުދިންގެ އަޚުލާގު ރަނގަޅުކުރުމަށް ޕްރޮގްރާމްތަކާއި ތަޢުލީމާއި ތަމްރީން ދޭނެއެވެ. އަދި ވަކި އުމުރަކަށް ދިއުމުން ވަޒީފާގެ ތަޖުރިބާ އާއި ފުރުސަތުތައް ހޯދައިދޭނެއެވެ.
2027 ގެ ކުރިން ހޯޕް އައިލެންޑް އިން ފަރުވާގެ ކަންކަން ފަށަން އަމާޒު ހިފާފައިވާކަން ހޯމް މިނިސްޓަރު އިހުސާން ހާމަކުރެއްވީ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ހޯޕް އައިލެންޑް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް އެ ރަށް ހެދުމަށްޓަކައި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ބިޑްތަކުގެ ތަފްސީލްތައް މި މަހުގެ 25 ވަނަ ދުވަހު ލިބޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު މަސައްކަތް ބަޔަކާއި ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ޓާގެޓަކީ 2027ވަނަ އަހަރު ނިމުމުގެ ކުރިން ހޯޕް އައިލެންޑުގެ މަސައްކަތް ނިމި ކުޑަކުދިންނަށް ލިބެންޖެހޭ ފަރުވާގެ ކަންކަން ފެށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހޯޕް އައިލެންޑްގެ މަސައްކަތަށް 15 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިއީ ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 700 މީހުންނަށް ތިބެވޭ ގޮތަށް ތަރައްޤީކުރާ ފެސިލިޓީއެކެވެ. މިތަނުގައި ރެޒިޑެންޝަލް ޔުނިޓް، އެޑިއުކޭޝަން ހަބް، ޓްރެއިނިން ފެސިލިޓީ، ކުޅިވަރުކުޅެވޭނެ ތަންތަން، މެޑިކަލް ފެސިލިޓީގެ އިތުރުން 700 މީހުންގެ ޖާގައިގެ މިސްކިތަކާއި ކޮމިއުނިޓީ އެންޑް ފެމިލީ އޭރިއާވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް