ފޭކު ސްލިޕުތައް ފޮނުވައިގެން އެތައް ފިހާރައަކުން މުދާ ހޯދައި ބައްކުރަމުންދިޔަ މައްސަލައެއްގައި ދިވެހި ކޮން އާޓިސްޓެއް ކަމަށް ދިވެހިން ޤަބޫލުކުރާ ޒައިދާން މުޙައްމަދު ހާޝިމް އާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ޒައިދާން އާއެކު ހައްޔަރުކުރި ބިދޭސީ އަންހެން މީހާއަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ، އުމުރުން 30 އަހަރުގެ އަފްރީކް އަކްތަރެވެ.
ފުލުހުން ބުނެފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ހުޅުމާލޭ ފިހާރައަކުން ސައްޚަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލައެއް މިދިޔަ މަހުގެ 16 ވަނަ ދުވަހު ބަލަން ފެށިއެވެ.
"މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން ޒައިދާން މުޙައްމަދު ހާޝިމް، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވޭ، އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވޭ، އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިބެލުމުން، ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36467 ރުފިޔާގެ ތަކެތި މަކަރާއި ހީލަތުން ހުޅުމާލޭގައި ހުންނަ ފިހާރައިން ހޯދާފައިވާކަމާއި މާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 31150 ރުފިޔާގެ ތަކެތީގެ އިތުރުން މާލޭގައި ހުންނަ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5817 ރުފިޔާގެ ތަކެތި ހޯދާފައިވާކަން އެނގިފައިވެއެވެ.
"މި މައްސަލައާ ގުޅިގެން ހައްޔަރުކުރި، ޒައިދާން މުޙައްމަދު ހާޝިމް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ޒައިދާން މުޙައްމަދު ހާޝިމް މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ދަނީ ކުރެވެމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް އެބަގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް