އިރާނުގެ ޤައުމީ ނިއުކްލިއަރ ރައްކާތެރިކަމުގެ ނިޒާމުގެ މަރުކަޒުން އާދީއްތަ ދުވަހުގެ ފަތިހު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެމެރިކާގެ ވައިގެ ހަމަލާތައް އަމާޒުކުރެވުނު އިސްފަހާން، ފޯޑޯ އަދި ނަތަންޒްގައި ހުރި ނިއުކްލިއަރ މަރުކަޒުތަކުގައި "އެއްވެސް ބާވަތެއްގެ ނިއުކްލިއަރ ވިހަވުމުގެ އަސަރެއް ފާހަގަކުރެވިފައިނުވާ" ކަމަށެވެ.
އިރާނުގެ ސަރުކާރުގެ މީޑިއާއިން ހާމަކޮށްފައިވާ މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މި ތަންތަނުގައި ޤާއިމުކުރެވިފައިވާ ރޭޑިއޭޝަން ދެނެގަތުމުގެ ޒަމާނީ އާލާތްތަކުން، ހަމަލާތަކަށްފަހު އެއްވެސް ބާވަތެއްގެ ރޭޑިއޯއެކްޓިވް މާއްދާއެއް ތިމާވެއްޓަށް ބޭރުވެފައިވާކަން ރިކޯޑުކޮށްފައިނުވާ ކަމަށެވެ. އަދި މީގެ އިތުރުން، "އިސްވެ ދެންނެވުނު މަރުކަޒުތަކުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ބާވަތެއްގެ ނުރައްކަލެއް ކުރިމަތިވެފައިނުވާ" ކަމަށްވެސް މި ބަޔާނުގައި ކަށަވަރުކޮށްދީފައިވެއެވެ.
މި ކަމާ ގުޅޭގޮތުން ފާހަގަކޮށްލެވޭ އެހެން ކަމަކީ، މީގެ ކުރިން އިޒްރޭލުން އިރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުންވެސް، އެ ތަންތަނުގެ ވަށައިގެންވާ ތިމާވެއްޓަށް ރޭޑިއޯއެކްޓިވް މާއްދާ ބޭރުވެފައިވާކަން ރެކޯޑުކުރެވިފައިނުވާކަމަށް ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީއިން ކުރިން ހާމަކޮށްފައިވާކަމެވެ. މިކަމުން ދޭހަވަނީ، އިރާނުގެ ނިއުކްލިއަރ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމުތަކެއް ޤާއިމުކުރެވިފައިވާކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް