އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ސިފައިން އީރާނުގެ ތިން ނިއުކްލިއަރ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް ބަޔާންކުރައްވާފައެވެ. މި ހަމަލާތައް އަމާޒުކުރެވުނު ތަންތަން ކަމަށް ވިދާޅުވެފައިވަނީ ފޯޑޯ، ނަތަންޒް އަދި އިސްފަހާން ނިއުކްލިއަރ މަރުކަޒުތަކަށެވެ. މި ހަމަލާތަކުގައި ބީ-2 ސްޓެލްތް ބޮމްބަރުތައް ބޭނުންކޮށްފައިވާ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.
މި ހަމަލާތަކަކީ އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ސީދާކޮށް ދިން ފުރަތަމަ ހަމަލާއެވެ. ޓްރަމްޕް ބުނެފައިވާ ގޮތުގައި މި ހަމަލާތައް ކާމިޔާބުވެ، އެމެރިކާގެ ހުރިހާ މަތިންދާބޯޓުތަކެއް އީރާނުގެ ވައިގެ ސަރަޙައްދުން ރައްކާތެރިކަމާއެކު ނިކުމެފައިވެއެވެ.
ބޭނުންކުރެވުނު ހަތިޔާރުތަކަކީ ބިމުގެ އަޑިން ވަރަށް ފުންކޮށް ހަދާފައިވާ ބަންކަރުތަކަށް ވެސް ހަމަލާދެވޭ ވަރުގެ ބާރުގަދަ ބޮންތަކެއް ކަމަށް ބުނެވެއެވެ. މިފަދަ ބަންކަރުތަކަށް އިސްރާއީލަށް އަމިއްލައަށް ހަމަލާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ފާހަގަކުރެވެއެވެ.
އީރާނުން މި ހަމަލާތައް ރަސްމީކޮށް ކަށަވަރުކޮށްފައި ނުވި ނަމަވެސް، ކުރިން އެ ޤައުމުން ވަނީ އެމެރިކާ މިފަދަ ކަމެއްގައި ބައިވެރިވެއްޖެނަމަ އެކަން ބޮޑު ހަނގުރާމައަކަށް ވެގެންދާނެ ކަމަށް އިންޒާރުދީފައެވެ. އީރާނުގެ ވެރިން އެމެރިކާގެ އެއްވެސް ހަމަލާއެއް ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް، އެކަމަށް ބޮޑެތި ބަދަލުހިފުމުގެ އިންޒާރު ދީފައިވެއެވެ.
މި ހަމަލާތައް އައިސްފައިވަނީ އިސްރާއީލުން ހަފްތާތަކެއްގެ މައްޗަށް އީރާނުގެ މިސައިލް ދިފާޢީ އަދި ނިއުކްލިއަރ ވަސީލަތްތަކަށް ދެމުންދިޔަ ވައިގެ ހަމަލާތަކަށް ފަހުގައެވެ. ޓްރަމްޕް ވަނީ ކުރިން މި ހަނގުރާމަ ހުއްޓުވުމަށް ޑިޕްލޮމަސީގެ ޒަރީޢާއިން މަސައްކަތްކުރައްވާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އިސްރާއީލުގެ އިސްވެރިންނާއި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ފަރާތުން ކުރެވުނު ޕްރެޝަރާ ގުޅިގެން އަސްކަރިއްޔާތު ބޭނުންކުރުމަށް ނިންމަވާފައިވާ ކަމަށް ބުނެފައިވެއެވެ.
މި ފިޔަވަޅަކީ ޓްރަމްޕް ވައުދުވެފައިވާ ސިޔާސަތުތަކާ ޚިލާފު ބަދަލެއް ކަމަށް ފާހަގަކުރެވެއެވެ. އެއީ އޭނާ ކުރިން ވަޢުދުވެފައިވަނީ އައު ހަނގުރާމަތަކުން ދުރުހެލިވާނެ ކަމަށެވެ. މިހާރު، އެމެރިކާ މިކަމުގައި ބައިވެރިވުމާއެކު، މެެދުއިރުމަތީ ސަރަޙައްދުގައި ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށުމުގެ ނުރައްކާ އިތުރުވެފައިވާ ކަމަށް ތަޙްލީލުވެރިން ދެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް