މަސްވެރިން މުޒާހަރާ ފެށުމުގެ ކުރިންވެސް ސަރުކާރުން ދަނީ މަސްވެރިންގެ އަޑުއަހަމުން: ވަޒީރު

މަސްވެރިންގެ މުޒާހަރާ ފެށުމުގެ ކުރިންވެސް މިހާރުވެސް ސަރުކާރުން ދަނީ މަސްވެރިންގެ އަޑުއަހަމުންކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު...

22 Jun 2024 | 16:27

މަސްވެރިންގެ މުޒާހަރާ ފެށުމުގެ ކުރިންވެސް މިހާރުވެސް ސަރުކާރުން ދަނީ މަސްވެރިންގެ އަޑުއަހަމުންކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ވަނީ "އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް  ހިއްސާ ކުރަމުން" ކަމަށެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައި މިވަނީ އައްޑޫ މަސްވެރިންތަކެއް ނިކުމެ އިއްޔެއިން ފެށިގެން ހުޅުމީދޫގައި މުޒާހަރާ ކުރަމުން ދާ ދަނޑިވަޅެއްގައެވެ. އެ މުޒާހަރާގައި ބައެއް މީހުން ދަނީ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ރައްދުކޮށް މިފްކޯއަށްވެސް އިންޒާރުތަކެއް  ދެމުންނެވެ.

މުޒާހަރާގެ ބައެއް ބައިވެރިން ބުނަމުން ދަނީ މަސްވެރިންނަށް ފައިސާ ދެނީ ކޮންމެވެސް ހިސާބަކުން މުޒާހަރާ ކޮށްގެން ކަމަށެވެ.

މި މަހު 13 ވަނަ ދުވަހު ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އިން ވަނީ މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން 46 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައެވެ. މިފްކޯއިން ބުނީ މަސްވެރިންނަށް އިތުރަށް ދޭން ޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތް އެ ކުންފުނިން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ގުޅިގެން ކުރަމުން ދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް