އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިން މުޒާހަރާ ކުރަމުން އެބަ ގެންދެއެވެ.
ހުޅުމީދޫ ބަނދަރުގައި 80 ވަރަކަށް މަސްވެރިން ނިކުމެ މުޒާހަރާ ކުރަމުން ދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ އެ ސަރަހައްދުގައި 80 ވަރަކަށް މަސްވެރިން މުޒާހަރާ ކުރަމުން އަންނައިރު މުޒާހަރާގެ ބައިވެރިންނަށް އެދެވިގެންވާ ޖަވާބެއް މިފްކޯއިން ނުލިބިއްޖެނަމަ މަސްފެކްޓަރީގެ ހުރިހާ ސީނިޔާ މުވައްޒަފުން އެތަނުން ބޭރު ކުރާނެ ކަމަށް އެމީހުންގެ ތެރެއިން ބަޔަކު އިންޒާރު ދީފައިވާކަމަށެވެ.
އަދި މިފްކޯގެ ބަނދިގޭގައި ކެއްކުމަށް ހުރަސްއަޅާނެ ކަމަށް ބުނެ މިފްކޯޯއަށް އިންޒާރު ދެމުން ދާ ކަމުގެ ރިޕޯޓު ވެސް ލިބިފައިވާކަމަށް ފުލުހުން ވަނީޯ ބުނެފައެވެ.
އިއްޔެވެސް މަސްވެރިން ތަކެއް ވަނީ ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާ ކޮށްފައެވެ.
މަސްވެރިން މުޒާހަރާ ކުރަމުން ދަނީ މިފްކޯއިން ކިރުވި މަހަށް އެތައް ދުވަހެއް ވެފައި ވާއިރުވެސް މިފްކޯއިން މަސްވެރިންނަށް ފައިސާ ދީފައި ނުވާތީއެވެ.
މަސްވެރިން ބުނަނީ މަސްދޯނިތަކުން މަސްކިރުވާ މަހަށް ލިބެން ޖެހޭ ފައިސާއަށް ބަލާއިރު ކޮންމެ ދޯންޏަކަށް މިލިއަނުން ފައިސާދޭން އެބަހުރި ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ދޯންޏަކަށްވެސް މިފްކޯއިން ދެމުން ދަނީ ލައްކަ އެއްހާ ރުފިޔާ ކަމަށެވެ. އަދި އެ ފައިސާ ފަޅުވެރިންނަށް ބަހާލާއިރު، ގޭގެ ކޮށްތު ގަތުމަށް ފަހު އެހެނިހެން ޒަރޫރީ ކަންކަން ކުރުމަށް ފައިސާއެއް ބާކީ ނުވާ ކަމަށެވެ.
އައްޑޫ އަށް ނިސްބަތްވާ ޒުވާން މަސްވެރިން ބުނަމުން ދަނީ ސަރުކާރުން ވީ ވައުދު ސަރުކާރަށް ނުފުއްދޭ ކަމަށެވެ.
މިގޮތުން މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ރިޔާސީ ވައުދުތަކު ތެރޭގައި ހިމެނޭ މަސްވެރިން ކިރާ މަހަށް 48 ގަޑީއިރުތެރޭގައި ފައިސާ ދިނުމާއި، ތެލާއި، ފެން އަދި އައިސް ފަސޭހައިން ލިބޭނެ ކަމަށް ވައުދުވެފައި ވެއެވެ. އައްޑޫ ސިޓީގެ އިތުރުން ހުވަދޫ މަސްވެރިންނާއި ބޮޑުކަންނެލި މަސްވެރިކަން ކުރާ މަސްވެރިންވެސް ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ.
މި ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދެނީ ކޮންމެވެސް ހިސާބަކުން މުޒާހަރާ ކުރުމުން ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.
އިއްޔެއާއި މިއަދު އައްޑޫ ހުޅުމީދޫގައި ކުރަމުން ގެންދާ މުޒާހަރާއާ ގުޅިގެން ސަރުކާރުންގެ ފަރާތުން އަދި އެއްވެސް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް