ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ޤާއިމްކޮށް ހިންގުމަށް މެލޭޝިއާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅު ކޮށްފި

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކޮށް ހިންގުމަށް މެލޭޝިއާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. ދާޙިލީ ސަލާމަތާއި ފަނިއްޔަތާ...

22 Jun 2024 | 07:58

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކޮށް ހިންގުމަށް މެލޭޝިއާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ދާޙިލީ ސަލާމަތާއި ފަނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދީފައިވާ ޙާއްސަ އިންޓަވިއު އެއްގައެވެ.

މަސްތުވާ ތަކެތީގެ އަވާގައި ޖެހިފައިވާ މީހުން ރިހެބިލިއޭޓް ކުރުމަށް ސެންޓަރުތަކެއް ޤާއިމްކޮށް ހިނގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ސަރުކާރުން ހުޅުވާލާފައިވަނީ މި އަހަރު ފެށުނު ތަނާހެނެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުންނެވެ.

ވަޒީރު ވިދާޅުވީ، މެލޭޝިއާގެ ކުންފުންޏަކުން ރާއްޖޭގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރ ހެދުމަށް ޝައުގުވެރިކަން ފާޅުކޮށް ވަނީ ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

އެ ކުންފުންޏަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ގިނަ ބަޔަކަށް ފަރުވާ ދެމުން ދާ ތަޖުރިބާ ހުރި ކުންފުންޏެއްކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ބޮޑު އަގެއްގައި ކަމުން ޕްރޮޕޯސަލް ހުށަހެޅި ފަރާތާ އެ ޕްރޮޕޯސަލްއާއި ގުޅިގެން އިތުރު މަޝްވަރާ ތަކެއް ކުރަމުން ދާ ކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަކީ އެހާ ފޯރުން ތެރި ބައެއް ނޫން ކަމުން މިކަމަށް އިތުރުގޮތެއް ބަލާ އާސަންދަ ފަރުވާ ނުވަތަ ޑްރަގް އެޖެންސީގެ ބަޖެޓުން މެކޭނިޒަމެއް މެދުވެރިކޮށް ނަމަވެސް މިއީ އޮޕްޝަނެއްތޯ ބަލަމުން ދާ ކަމަށެވެ.

އަމިއްލަ ފަރާތަކުން ދްރަގް ރިހެބިލިޓޭޝަން ސެންޓަރެއްގެ ޚިދުމަތް ދޭން ފެށުމަކީ އެކަމުގައި ވާދަވެރިކަމެއް އުފެދި ފެންވަރު ރަގަނޅު ޚިދުމަތްތަކެއް ލިބިގެން ދާނެ ކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަދި ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި މި ޚިދުމަތް ދޭން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ސެންޓަރުގައި ދެވޭނެ ޚިދުމަތްތަކަކީ، އައުޓްޕޭޝަންޓް ޑީޓޮކްސިފިކޭޝަން ޚިދުމަތާއި، ސައިކޭޓްރިކް އިވެލުއޭޝަނާއި، ކައުންސެލިން ޚިދުމަތާއި، ސައިކޯ-ސޯޝަލް ތެރަޕީއާއި ޑްރަގް ޓެސްޓް ކުރުމާއި، ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމުގެ ޚިދުމަތް ފަދަ ޚިދުމަތްތައްކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް