ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓްދިނުމަށާއި އެކި ސަބަބުތަކާހެދި ހުސްވެފައިވާ 145 ފްލެޓް ދޫކުރުމާމެދު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮތްތަކެއް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިކަންކަމަށް ގޮތްތަކެއް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޝްވަރާކުރެއްވުމަށްފަހުގައެވެ.
"ވަޒީރުން މަޝްވަރާކުރައްވާފައި ވަނީ ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާރކްސް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުނުކުރާގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމެވުމާއެކު އެކެޓަގަރީން ފްލެޓް ހަވާލުނުކޮށްތިބި 45 ފަރާތަކަށް ފެލެޓްހަވާލުކުރުމާ މެދު ގޮތެއް ނިންމެވުމަށެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.
އެގޮތުން ސިވިލް ސަރވިސް ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ގޮތުގައި ނަން ހިމަނާފައި ނުވުމާއި ސިވިލްސަރވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް ކޮންމެ އޮފީހަކަށް ވަކި ޢަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސަރވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް ޢަދަދު ކަނޑައަޅައިގެން ކުރިޔަށްގެންގޮސްފައިވާ ކެޓަގަރީއަކަށް ވާތީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައި ވަނީ ދާއިމީ ލިސްޓުގައި ހިމެނިފައިވާ އެ 45 ފަރާތައް ފްލެޓް ހަވާލުކުރުމަށް ނިންމާފައިވާކަމަށާއި މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެކި ސަބަބުތަކާހެދި ހުސްވެފައިވާ ހިޔާ ސްކީމުގެ145 ފްލެޓް، ރިޒާވް ލިސްޓުން މާރކްސް ތަރުތީބުން ދިނުމަށްވެސް ނިންމަވާފައިވާކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް