ނޫސްވެރިޔާ އަހްމަދު ރިޟްވާން އާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި ހައްޔަރު ކުރި މއ. ފާގަފިލާ، އަހުމަދު އިސްމާއިލް (އަހަނދު) ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.
މި ދިޔަ އަހަރުގެ ޖޫން 26 ވަނަ ދުވަހު ހައްޔަރުކުރި އަހަނދު ދޫކޮށްލާފައިވަނީ އޭނާއާ ދެކޮޅަށް ހުރި ހެކި ރައްކާތެރި ކުރެވިފައިވާ ކަމަށް ބުނެ ބަންދުގައި ކޮންމެހެން ބަހައްޓައިގެން ޝަރީއަތް ކުރަން ޖެހޭ ސަބަބެއް މިހާރު ނެތް ކަމަށް ފާހަގަކޮށްފައެވެ. މިގެ އިތުރަށް އެ މައްސަލާގައި ހައްޔަރުކުރި އަހަނދު އަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހަކަށްވާއިރު އަހަނދުއަކީ ސީރިއާ އާއި ޕާކިސްތާނަށް މީހުން ފޮނުވާ މީހެއް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
ރިޟްވާން ގެއްލިފައިވަނީ މީގެ 5 އަހަރު ކުރިން އޮގަސްޓް 8، 2014 ވަނަ ދުވަހުއެވެ. އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ތަހުގީގަށްފަހު ދައުވާ ކުރި ތިން މީހުންގެ ތެރެއިން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީން އާއި ގ. ހިލްޓަން، އާލިފް ރައޫފާގެ މައްޗަށް ދައުވާ ސާބިތު ކުރަން ހެކި ހުށަހަޅާފައިވެއެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ނިންމި ނިންމުމުގެ ސަބަަބުން ދައުލަތުން މި މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
މީގެ އިތުރުން އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރިއެވެ. އެކަމަކު ކުށް ސާބިތުވީ ހައިޝަމް އާއި ޒިހާންގެ މައްޗަށް އެކަނި ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް