ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިއަދު ރިޔާސަތު ބަލަހައްޓަވަން ނިންމެވީ އެމަނިކުފާނުގެ އުޒުރުތަކަށްވުރެ މަތީ މަސްލަހަތެއް ހިފަހައްޓަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމާއި ހަމައިން ރިޔާސަތާ އުޒުރުވެރިވެވަޑައިގެން ހުންނެވުމަށްފަހު މިއަދު އެ މަސްއޫލިއްޔަތާ އަލުން ހަވާލުވެވަޑައިގަންނަވަމުންނެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ރިޔާސަތާ ހަވާލުވެލެއްވީ ރައްޔިތުންގެ އަދި ރާއްޖޭގެ މަސްލަހަތުގައި ކަމަށެވެ.
"ހިތާމަކުރަން ދައުލަތުގެ ބާރުތަކުން އަދި މެޖޯރިޓީ ޕާޓީން މައްސަލަ ހައްލުކުރަން އެހީތެރިވެފައި ނުވާތީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާގޮތުގައި މަޖިލިސް ހުއްޓެން މެދުވެރިވީ ރައީސާއި ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ އެކުގައި ވެއްދުމުން ކަމުގައި ގަބޫލުފުޅު ކުރައްވާކަމަށެވެ.
އިތުރަށް ވިދާޅުވީ ރިޔާސަތާއި އަލުން ހަވާލުވެލެއްވީ މިއީ ވާޖިބެއް ކަމުގައި ދެކެވަޑައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް