ދިވެހި އަންހެނެއްގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާ ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި ހުކުމް އިއްޔެ އިއްވާފައިވަނީ ޅ. ނައިފަރު ހަނަފަސްގެ، އަމީނާ މުހައްމަދުގެ މައްޗަށެވެ.
އަމީނާ މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އޭނާ 31 ޑިސެމްބަރު 2015 ވަނަ ދުވަހުގެ ވަގުތެއްގައި އިތުރު ބަޔަކާއެކު މއ. ސީރިއާ ގެސްޓްހައުސްގެ 304 ވަނަ ނަންބަރު ކޮޓަރީގައި ށ. ފޭދޫ / މާސާވިލާ، އަހްމަދު އަބްދުއްލަތީފް ހުއްޓައި އޭނާގެ މޭމަތީގައި ކަޓަރު ތިލައެއް ޖައްސައި ބިރުދެއްކުމަށްފަހު އޭނާގެ ފޯނާއި ސައިކަލު ތަޅުދަނޑިއާއި ސިނގިރޭޓު ފޮއްޓާއި ވޮލެޓާއި އެ ވޮލެޓުތެރޭގައި އޮތް އޭނާގެ ޑެބިޓް ކާޑާއި 51 ޑޮލަރާއި 330 ރުފިޔާއާއި އަދި ކޭސްކާޑުން 3800 ރުފިޔާ ނެގި ކަމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގާ ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ޝަރީއަތުގައި އަމީނާ މުހައްމަދު އިއުތިރާފްވެފައިވާތީ، ފޭރުމުގެ ކުށުން އަމީނާ މުހައްމަދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.
އެހެން ނަމަވެސް ހުކުމް ކުރަންދެން ބަންދުގައި ފަސް މަހާއި ހަ ދުވަސް ހޭދަކޮށްފައިވާތީ އަމީނާ މުހައްމަދު ތަންފީޒު ކުރަންޖެހޭ ޖަލު އަދަބެއް ނެތްކަމަށްވެސް ހުކުމުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް