ދުވަހުގެ މޫސުން: އުތުރާއި މެދުރާއްޖޭގައި ކަނޑުތައް ގަދަ - ސަމާލުވުމަށް މެޓުން އިލްތިމާސްކުރޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު ދެކުނުގެ ކަނޑުތައް ފިޔަވައި އެހެން ހިސާބުތަކުގައި ކަނޑުތައް މިއަދު ގަދަވާނެ ކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނ...

22 Jun 2023 | 01:50

ދުވަހުގެ މޫސުމަށް ބަލައިލާއިރު ދެކުނުގެ ކަނޑުތައް ފިޔަވައި އެހެން ހިސާބުތަކުގައި ކަނޑުތައް މިއަދު ގަދަވާނެ ކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ.

"ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ" މެޓުން ބުނެފައިވެއެވެ.

މެޓުން ބުނެފައިވަނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.

ރާޅުގެ އުސްމިނަށް ބަލައިލާއިރު މިއަދު އުތުރާއި މެދުރާއްޖޭގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައި ކަމަށް ބުނެފައިވެއެވެ. ދެކުނުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައެވެ.

މިއަދުވެސް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް