މާދަމާއިން ފެށިގެން ކޯވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒު ދޭން ފަށަން ނިންމައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ހަތަރު ވަނަ ޑޯޒުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިން ކަމަށެވެ. ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކޯވިޑްގެ ނުރައްކާ ބޮޑު ކަމަށް އެޗްޕީއޭއިން ކަނޑައަޅާފައި އޮންނަ ކެޓަގަރީތަކުގައި ހިމެނޭ މީހުންނަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 65 އަހަރުވެފައިވާ މީހުން، އުމުރުން 18-64 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލި ކަށި މީހުންނެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ދެރަ ކުރާ ފަދަ ބޭހެއް ކާ މީހުންނާއި ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނެވެ.
ދެން ކޯވިޑް ވެކްސިން ފުރަތަމަ ދޭން ފަށާ މީހުންގެ ތެރޭގައި ދިގު މުއްދަތަކަށް ބޭސް ކާން ޖެހޭ ބައްޔެއް ހުންނަ މީހުންނާއި އެދުމަތިވެފައިވާ މީހުން ހިމެނެ އެވެ. މި ކެޓަގަރީތަކަށް ފެތޭ މީހުންނަށް ހަތަރު ވަނަ ޑޯޒު ޖެހޭނީ ތިން ވަނަ ޑޯޒު ޖެހިތާ ހަތަރު މަސް ވެފައިވާ މީހުންނަށެވެ.
އެޗްޕީއޭއިން ބުނީ ހަތަރުު ވަނަ ދޯޒު ޖަހަން ފެށުމުގެ އިތުރުން 12-17 އަހަރާއި ދެމެދުގެ ކުދިންނަށް މާދަމާއިން ފެށިގެން ކޯވިޑް ވެކްސިންގެ ތިން ވަނަ ޑޯޒު ދޭން ފަށާނެ ކަމަށެވެ. މި އުމުރުފުރާގެ ކުދިންނަށް ތިން ވަނަ ޑޯޒު ޖެހޭނީ ވެކްސިންގެ ދެވަނަ ޑޯޒު ޖެހިތާ ހަ މަސްވެފައިވާ ނަމަ އެވެ.
މީގެ އިތުރުން ކުރިއެކޭ އެއްގޮތަށް 12 އަހަރުން މަތީގެ މީހުންނާއި ކުދިންނަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެ ވަނަ ޑޯޒު ދިނުންވެސް ކުރިޔަށްދާނެ ކަމަށް ބުނެ އެވެ.
އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ވެކްސިން ދޭނީ އެޕޮއިންޓްމެންޓު އުސޫލުން ކަމަށެވެ. އަތޮޅު ތެރޭގައި ވެކްސިން ދޭނެ ގޮތުގެ އުސޫލު އާންމު ކުރާނީ އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުންނެވެ.
މާލޭގައި މިހާރު ކޯވިޑް ވެކްސިން ދެނީ ދަމަނަވެށި، ހުޅުމާލޭ ހޮސްޕިޓަލް އަދި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް