ޔޯގާ ހުއްޓުވުމަށް ހިންގި ހަރަކާތުގެ ތެރެއިން ހަމަނުޖެހުމަށް ފުރުސަތު ލިބުނީ ފުލުހުންގެ ދޯހަޅިކަމުން ކަމުގައި މާލޭ ސިޓީ ކައުންސިލުން ބުުނެފިއެވެ.
ސިޓީ ކައުންސިލުން މިހެންބުނެފައިވަނީ ގަލޮޅު ދަނޑުގައި ޖޫންމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ހިންގި ހަރަކާތާ ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުން ކުށްވެރިކުރުމުގެ ގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އެ ކައުންސިލުން ބުނެފައިވަނީ ޖޫންމަހުގެ 21 ވީ އަންގާރަ ދުވަހު ހެނދުނުގެ ވަގުތެއްގައި ގަލޮޅު ދަނޑުގައި ސަރުކާރުން ހިންގި ހަރަކާތާ ގުޅިގެން އިހްތިޖާޖުކޮށް އަޑު އުފުލި ފަރާތްތަކުގެ ތެރެއިން ބަޔަކު ހަމަނުޖެހުން ހިންގަން ފުރުސަތު ލިބި، އެހަރަކާތުގައި ބައިވެރިވި ބައެއް ޑިޕްލޮމެޓުންނާއި ސަރުކާރުގެ ވެރިން ނުރައްކަލަށް ހުށައެޅިގެން ދިޔަކަމީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ހަމަނުޖެހުން ހިނގަން ފުރުސަތު ލިބިގެން ދިޔައީ ސަލާމަތީ ކަންތައްތައް ދޯހަޅިވުމުން ކަން ފާހަގަކުރެވެއެވެ. އަދި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި މިއަށްވުރެ ހަރުދަނާ އުސޫލުތަކެއް ޤާއިމްވެފައި އޮތުން މުހިއްމުކަން ފާހަގަކުރަމެވެ." ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މާލޭ ސިޓީކައުންސިލުން އިތުރަށް ބުނެފައިވަނީ މި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، އަދި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ފަދަ ހަމަނުޖެމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް މާލޭ ސިޓީ ކައުންސިލުން ގޮވާލާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް