ދުނިޔޭގެ ފުަރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި ހަދާނެ ކަމަށް ބުނެ ދެއްކި ވާހަކަ އަކީ އޮޅުވާލުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފްލޯޓިން ސިޓީ އަޅަން ހަވާލުކޮށްފައި އޮތީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި އެވެ. މި ވާހަކަ މިހާރު ދައްކަން ފަށާފައި މިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އެވެ.
އެމެސުގައި ނަޝީދު ވިދާޅުވީ ފްލޯޓިން ސިޓީ އެޅުން ހުއްޓުވާފައިވާ ކަމަށާއި އެ ޕްރޮޖެކްޓް ހިންގިޔަ ނުދޭން ހުރަސްއަޅަނީ އެ މަނިކުފާނުގެ ނަން ހިމެނޭ ޕްރޮޖެކްޓަކަށް ވާތީ ކަމަށެވެ. އެކަން ހުއްޓުވަން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވޯޓު ދެއްވި ކަމަށް އެ ގްރޫޕްގައި ނަޝީދު ތުހުމަތު ކުރެއްވި އެވެ.
ނަޝީދުގެ މި ވާހަކަފުޅަށް ރައްދުދެއްވައި ފައްޔާޒް އެ ގްރޫޕުގައި ވިދާޅުވީ ފްލޯޓިން ސިޓީ އަކީ އޮޅުވާލުމެއް ކަމަށާއި އެ ކުންފުނިން އެ ފަޅުތަކުގައި ރިސޯޓެއް ނުވަތަ ގެއެއްވެސް އަޅާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ސަރުކާރުން އެ ކުންފުންޏަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ތިން ފަޅެއް މިހާރު ވެސް ވިއްކާލާފައިވާ ކަމަށެވެ. އެ ކުންފުނިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅި ގޮތަށް އެއްބަސްނުވީ މުޅި މި ޕްރޮޖެކްޓުގައި އޮޅުވާލުން ހިމެނޭތީ ކަމަށާއި އެ ފަޅުތައް ބޮޑު އަގުގައި ވިއްކާލައިގެން އެ ކުންފުނިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް