'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އިފްތިތާހްކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އިފްތިތާހުކޮށްފިއެވެ. މި ޕްރޮޖެކްޓް ކުރިއަށް އޮތް 5 އަހަރުގެ މ...

22 Jun 2022 | 08:28

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އިފްތިތާހުކޮށްފިއެވެ.

މި ޕްރޮޖެކްޓް ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ ހަރަކާތެކެވެ.

ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސްއިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު 5 ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެއެވެ. މި ގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " އަޅުގަނޑުމެންނަށާއި އަދި ކުރިޔަށް އޮތް ޖީލުތަކަށްޓަކައި ތިމާވެށި ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް." ކަމަށާއި "ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށުގައި ގަސްއިންދުމަށް ކުރާ މަސައްކަތްތަކަށް އެހީވެވި، ކާބަން ޕުޓްޕްރިންގެ ދަށްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަކީ ހިތްހަމަޖެހުން ލިއްބައިދޭ ތަންތަން ގާއިމްކުރެވިގެންދާނެ." ކަމަށެވެ.

މީގެ އިތުރުން ރަށު ކައުންސަލްތަކާއެކު މަސައްކަތްކޮށް ރާއްޖޭގެ ނާސަރީތަކަށް އެހީވެ، ރަށްރަށާއި މުޖުތަމައުތަކަށް ފާހަގަކުރެވޭ ހެޔޮ ބަދަލެއް ގެނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ. އެޕްލިކޭޝަން ފޯމު 20 ޖުލައި 2022 ދުވަހުގެ ރޭ 11:59 ގެ ކުރިން [email protected]  އަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

އެޕްލިކޭޝަނާއި މި ޕްރޮޖެކްޓްގެ ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް  www.bankofmaldives.com.mv/bml-fehi-project އިން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް