ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވީ ސަރުކާރު ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.
މި އިސްލާހު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ މައިގަނޑު މަގުސަދަކީ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ މި އިސްލާހާއި އެކު ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެވިގެންދާނެ ކަމަށެވެ.
އެގޮތުން ޑިސްޓްރިކްޓް ކޯޓު އުފައްދައި، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސާކިޓްތައް ގާއިމް ކުރެވޭނެ އެވެ. އަދި މެޖިސްޓްރޭޓުން ވަކި ކޯޓަކަށް އައްޔަން ކުރާ ގޮތަށް އޮތް އުސޫލަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވި އެވެ.
މެޖިސްޓްރޭޓުން އައްޔަނު ކުރާނީ ކަނޑައެޅޭ ސާކިޓްތަކަށް ކަމަށް މި ބިލުގައި ކަނޑައެޅިފައިވާނެ ކަމަށް ވިދާޅުވި އެވެ.
މިބިލަކީ ސަރުކާޜުން މަސައްކަތް ކުރަމުން ދާ ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ފުރިހަމަ ކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށް ވިދާޅުވި އެވެ.
އެ ބިލް މިއަދު މަޖިލިހަށް ހުށަހެޅުމާ އެކު، އިބްތިދާއީ ބަހުސްގެ މަރުހަލާ ވަނީ ފަށައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް