ސައުދީ އަރަބިއްޔާގެ ސްކޫލް މަންހަޖުގައި ޔޯގާގެ ބައެއް ކަސްރަތުތައް ތައާރަފު ކުރަން ނިންމައިފިއެވެ.
ބައިނަލްއަޤްވާމީ ނޫހެއްގައި ރިޕޯޓު ކޮށްފައި ވާގޮތުން ސަޢޫދީ ޔޯގާ ކޮމިޓީ (އެސް.ވައި.ސީ) އިން ބުނީ މި ޔޯގާ ޕްރެކްޓިސްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފިޒިކަލް ފިޓްނަސް، ސްޓްރެސް ރިލީފް ޓެކްނިކް، އަދި ރިލެކްސިން ޓެކްނިކް ހިމެނޭކަމަށެވެ.
2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ކޮމާރސްއިން ވަނީ ޔޯގާ އަކީ ސައުދީ އަރަބިއްޔާގައި ކުޅިވަރެއްގެ ގޮތުގައި ދަސްކޮށްދިނުމާއި ކަސްރަތުކުރުމަށް ހުއްދަދީފައެވެ.
9 މާރިޗު 2022 ގައި އެސްވައިސީން ވަނީ ސައުދީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ފިޒިކަލް އެޑިޔުކޭޝަން ޓީޗަރުންނަށް ސައުދީ ސްކޫލްތަކުގެ ކުޅިވަރު މަންހަޖުގެ ތެރޭގައި ޔޯގާ ތައާރަފްކުރުމާއި ގުޅޭގޮތުން ސެޝަނެއް ނަގާފައެވެ.
އެސްވައިސީން ބުނީ މި ސެޝަންގެ މަޤްޞަދަކީ ލޯކަލް ފެންވަރުގައި ކުޅިވަރުތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު މަތިކުރުމާއި، ބައިނަލްއަޤްވާމީ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ސަޢޫދީ ޢަރަބިއްޔާ ތަމްސީލުކުރާ މިންވަރު އިތުރުކުރުމާއި، ޒުވާން ސަޢޫދީ ޢަރަބިއްޔާ ޒުވާނުންގެ ޞިއްޙަތު ކުރިއެރުވުން ހިމެނޭކަމަށެވެ.
މީގެ އިތުރުން އަރަބި ނޫހެއްގެ ރިޕޯޓެއްގައި ވާގޮތުން، ސެޓިފައިޑް ޔޯގާ އިންސްޓްރަކްޓަރ އަދި އާނަންދާ ޔޯގާ ސްޓޫޑިއޯގެ ފައުންޑަރ ޚާލިދު ޖަމާން އަލް ޒަހްރާނީ ވިދާޅުވެފައިވަނީ ސްކޫލްގައި ޔޯގާ ހެދުމުން ކުޑަކުދިންނާއި، އެކުދިންގެ އާއިލާތަކަށާއި، މުޅި މުޖުތަމައަށް ފައިދާކުރާނެ އިތުރު ތައުލީމީ އިސްލާހީ ބަދަލުތަކެއް އަންނާނެ ކަމަށާއި މިއީ އިންވެސްޓްމަންޓަކަށް ވާނެ ކަމަށެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އިލެކްޓްރޯނިކް ގެޖެޓްތަކުން ފުރިގެންވާ ދުނިޔަވީ ދިރިއުޅުމުގައި ޔޯގާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން އޭނާ ވިދާޅުވީ ޓެކްނޮލޮޖީގެ ޒަމާނެއްގައި އަހަރެމެން ދިރިއުޅެމުން މިދަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ފޯނާއި، ޓެބްލެޓާއި، ޑިވައިސްތަކާއި އެކު އަހަރެމެންގެ ކޮންސެންޓްރޭޝަނަށް ނޭދެވޭ އަސަރުކުރާ ޒަމާނެއްގައި ކަމަށެވެ.
އަދި ހަމައެހެންމެ، އަހަރެމެންގެ ޒުވާން ކުދިންނާއި، އަހަރެެމެންގެ އަމިއްލަ ނަފްސުވެސް، އެތެރޭގައި ވާ ކަންތައްތަކާ ދޭތެރޭގައި ފުންކޮށް ވިސްނައި، ޑިސިޕްލިން ހޯދައި، މުހިންމު ކަންތައްތަކާދޭތެރޭގައި ވިސްނުން ތަރުބިއްޔަތު ކުރުމަށްޓަކައި ޔޯގާ ޕްރެކްޓިސް ކުރަން ޖެހޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް