ކޮންމެހެން ބާއްވަން ޖެހޭ ހަރަކާތްތަކާއި ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި

ކޮންމެހެން ބާއްވަން ޖެހޭ ހަރަކާތްތަކާއި ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭ އިން މިގޮތަށް އިލްތިމާސް ކުރީ އަނެއ...

21 Jun 2022 | 19:00

ކޮންމެހެން ބާއްވަން ޖެހޭ ހަރަކާތްތަކާއި ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މިގޮތަށް އިލްތިމާސް ކުރީ އަނެއްކާ ވެސް އެކި ގައުމުތަކާއި ރާއްޖޭގައި ވެސް ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީއެވެ.

އެ އިދާރާއިން ބުނެފައިވަނީ ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުން ޖޫން މަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު، ޖޫން މަހުގެ ތިން ވަނަ ހަފްތާގައި 185 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި އެނދުމަތި ކުރާ މީހުން ވެސް އިތުރުވެ، މިމަހުގެ ތެރޭގައި ތިން މީހަކު ކޮވިޑު ބަލީގައި ނިޔާވެފައިވާ ކަމަށް ބުންޏެވެ.

މިސަބަބަށްޓަކައި ކޯވިޑްގެ ހާލަތު ގޯސްވަމުން ދާތީ ކޮންމެހެން ބާއްވަން ޖެހޭ ހަފުލާއެއް ވިޔަސް ވީހާ ވެސް މަދު މީހުން އެއްވާ ގޮތަށް ނުވަތަ އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން މި ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ މީހުން އަތޮޅުތަކަށާއި ރާއްޖޭން ބޭރަށް ދަތުރުކޮށް، އެއްވުންތަކާއި ހަފުލާތައް ބޭއްވުމަށް ރާވަމުންދާތީ ސަމާލުވާން ޖެހޭ ކަންކަން އެޗްޕީއޭ އިން ވަނީ ބަޔާން ކޮށްފައެވެ.

އެގޮތުން ދަތުރުފަތުރު ކުރުމުގެ ކުރިން ދަތުރުކުރާ ރަށުގެ ނުވަތަ ގައުމުގެ ކޯވިޑްގެ ހާލަތު ދެނެގަތުމަށާއި ހައިރިސްކު މީހުން ގޮވައިގެން ދަތުރުކުރާ ނަމަ އަދި ކޮވިޑް ގިނަ ތަންތަނަށް ދާ ނަމަ ކޮންމެހެން ދާންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ލަސްކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން އޮފީސް، ސްކޫލް، ކޮލެޖް، ފިހާރަތައް، އެއަރޕޯޓް، ފެރީ ޓަރމިނަލްތައް، ދަތުރުފަތުރު ކުރާ ވަސީލަތްތައް (ފެރީތަކާއި ބަސް، ޓެކްސީ، މަތިންދާ ބޯޓު، ސީޕްލޭން) މިސްކިތް އަދި ބޭންކު ފަދަ ތަންތަނުގައި މާސްކު އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެއީ ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނާތީ އާންމު ފިޔަވަޅެއްގެ ގޮތުންނެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރުގެ ނިޔަލަށް ރާއްޖެއިން 405 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަޙައްދުން 231 މީހަކާއި އަތޮޅުތަކުން 95 މީހަކާއި އެހެނިހެން ސަރަޙައްދުތަކުން 79 މީހެއް ހިމެނެއެވެ.

ކޯވިޑް ޖެހިގެން އެޑްމިޓްކުރަމުންދާ މީހުންގެ ޢަދަދު ވެސް އިތުރުވަމުން އަންނައިރު، ފާއިތުވި ހަފްތާގައި 17 މީހަކުވަނީ އެޑްމިޓްކޮށްފައެވެ. މިހައިތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 180384 އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް