ބޭރު ޤައުމުތަކުން ޓީޗަރުން ރެކްރޫޓް ކުރީ، ރާއްޖޭއިން ޓީޗަރުން ލިބިފައި ނުވާތީ: މިނިސްޓްރީ

ބޭރު ޤައުމުތަކުން ޓީޗަރުން ރެކްރޫޓް ކުރީ، ރާއްޖޭއިން ޓީޗަރުން ލިބިފައި ނުވާތީ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއގައި ވަނީ، ކެރެލާއިން ގެނެވ...

22 Jun 2021 | 18:57

ބޭރު ޤައުމުތަކުން ޓީޗަރުން ރެކްރޫޓް ކުރީ، ރާއްޖޭއިން ޓީޗަރުން ލިބިފައި ނުވާތީ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއގައި ވަނީ، ކެރެލާއިން ގެނެވިފައިވާ 5 ޢަރަބި ޓީޗަރުންނާއި 5 ޤުރުޢާން ޓީޗަރުން ރާއްޖޭގެ 9 ސްކޫލެއްގައި ކިޔަވައިދެއްވަމުން އެބަ ގެންދަވާ ކަމަށެވެ.

މި ޓީޗަރުންނަކީ މި މާއްދާތައް ކިޔަވައިދޭން ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް ޢިއުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަޤާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަންތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާ ހައިކޮމިޝަންގެ ފަރާތުން ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީއެއް ކަމަށްވާ، ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ޓީޗަރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން، މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނު ކުރާ މަރުކަޒު ތަކުގައި ކިޔަވާ ދަރިވަރުންނާއި ވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކުރެވިފައި ވާކަމަށް، ރެކްރޫޓް ކޮށްފައިވާ ބިދޭސީ ޓީޗަރުންނާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން، އެ ފުރުސަތު ބިދޭސީ މުދައްރިސުންނަށް ދެވިފައިވާކަމަށް އެ މިނިސްޓްރީގެ ނޫސް ބަޔާނުގައި ފާހަގަކުރިއެވެ.

އަދި މި މަޤާމުތަކަށް ދިވެހި ރާއްޖޭގެ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ފެށިފައި ވާ ކަމަށާއި ދިވެހި މުދައްރިސެއް ލިބޭނެ ނަމަ، ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަޤާކަމަށް ދިވެހިން އައްޔަނު ކުރެވޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް