މާލެ ސަރަހައްދުގެ ޖިމްތައް ހުޅުވަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފިއެވެ.
މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ފަތިހު 5:00 އިން ފެށިގެން ހަވީރު6:00 އަށް ޖިމްތައް ހުޅުވަން ހުއްދަ ދީފައި ވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންދާ މި ދަނޑިވަޅުގައި މިހާރު އަލާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތައް ދީފައި ވާއިރު، އޭގެ ތެރެއިން އެއް ކަމަކީ ޖިމްތައް ހުޅުވަން ހުއްދަ ދިނުމެވެ.
ނަމަވެސް ޖިމްތައް ހުޅުވަން ހުއްދަ ދޭނީ، ޖިމްގެ ސަރވިސް ޕްލޭންއެއް ތައްޔާރުކޮށް ހުށަހެޅުމުން، އެޗްޕީއޭއިން މޮނިޓަރ ކުރުމަށްފަހުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެޕޮއިންޓްމަންޓް އުސޫލުން ޖިމްތަކުގެ ޚިދުމަތް ދިނުމަށް ހުއްދަ ދީފައި ވާއިރު، ގުރޫޕް ކަސްރަތު ކްލާސްތަކަށް އަދި ހުއްދަދީފައެއް ނުވެއެވެ.
އަދި އެކަނި ކުރާ ކަސްރަތު ކުރުމަށް ފަތިހު4:00 އިން ހެނދުނު8:00 އަށް ހުއްދަ ދީފައި ވެއެވެ.
ކޮވިޑު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ޖިމްތަކާ ކަސްރަތު ކުލާސްތަކާ ސިނަމާތަކާ ސެލޫންތައް ބަންދުކުރަން އަންގާފައި ވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް