13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ހިންގަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާރޓީ (އެމްޑީޕީ)އިން ގޮވާލައިފިއެވެ.
އެމްޑީޕީއިން ބުނެފައި ވަނީ، ހުޅުމާލޭގައި އުމުރުން އެންމެ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކުރުމަށްފަހު މަރާލާފައިވާތީ އެމްޑީޕީ އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، އެ ޢަމަލު ކުށްވެރިކުރާ ކަމަށެވެ.
ރަހީނުކުރުމަށްފަހު އަނިޔާކޮށް އެ ނާޒުކު އުމުރު ފުރައިގެ ކުއްޖަކު މަރާލުމަކީ އެޖަރީމާ ހިންގި ބަޔަކުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާކަމުގެ ހެއްކެއް ކަމަށް އެ ޕާޓީއިން ފާހަގަކޮށްފައި ވެއެވެ.
އަދި މިކުޑަ މުޖުތަމައުގައި މިފަދަ ޖަރީމާތައް ޖެހިލުމެއްނެތި ހިންގަން މެދުވެރިވާ ސަބަބުތައް އިތުރަށް ދެނެގަތުމަށާއި، ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުގަދަ އަޒުމަކާއެކު ހަރުދަނާގޮތެއްގައި މުޅިދައުލަތް އެކުގައި މަސައްކަތްކުުރުން ނުހަނު މުހިއްމެ ކަމަށް އެޕާޓީއިން ބުނެފައި ވެއެވެ.
މީގެ އިތުރުން، 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި އަވަސް އަދި ފުރިހަމަ ޖިނާއީ ތަޙްޤީޤެއް ހިންގައި، މުޖިރިމުންނަށް ޙައްޤު އަދަބު ލިބިދިނުން ކަށަވަރުކުރުމުގައި ފަރުވާކުޑަކުރުމެއްނެތި އަމަލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަަސާތަކަށް އެ ޕާރޓީން ގޮވާލިއެވެ.
ރަހީނުކޮށް 13 އަހަރުގެ ކުޑަ ކުއްޖާ މަރާލި މައްސަލައިގަ ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހާފައި ވެއެވެ.
އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހެންވޭރު ގެސްޓު ހައުސް އަކުންނެވެ. އެމީހުންނަކީ އެ ކުއްޖާ މަރާލުމުގައި ބައިވެރިވި މީހުންނެވެ. ފުލުހުން އެ ދެމީހުންގެ މައްޗަށް ތުހުމަތު ކުރަނީ 13 އަހަރު ކުއްޖާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތެވެ.
އެ ކުއްޖާ މަރާލާފައި އޮއްވަ ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ އިރުމަތީފަރާތު މޫދުގައި ފޮއްޓަކަށް ލާފައި އޮއްވަ އެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގަ ފުލުހުންގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް