ޝަކުވާ ކުރާ ދަރިންނާ ކުރިމަތިލާނީ ކިހިނެތް؟

އެކި ކުދިންނަކީ އެކި މިޒާޖުގެ ކުދިންނެވެ. ބައެއް ކުދިންނަކީ ވަރަށް ކުދިކުދި ކަންތަކާ އަޑުގަދަކޮށް ހަޅޭލަވާ ކުދިންނެވެ. އަދި މަޑުމައިތިރި ކުދިންގެ އިތުރުން، ޝަކުވާ ގިނަ ކުދިންވެސް އުޅެއެވެ. އެހެންކަމުނ...

22 Jun 2021 | 12:47

އެކި ކުދިންނަކީ އެކި މިޒާޖުގެ ކުދިންނެވެ. ބައެއް ކުދިންނަކީ ވަރަށް ކުދިކުދި ކަންތަކާ އަޑުގަދަކޮށް ހަޅޭލަވާ ކުދިންނެވެ. އަދި މަޑުމައިތިރި ކުދިންގެ އިތުރުން، ޝަކުވާ ގިނަ ކުދިންވެސް އުޅެއެވެ.

އެހެންކަމުން އެކި ކުދިންނާ ކުރިމަތިލާނެ ގޮތް ތަފާތެވެ.

ބައެއް ފަހަރަށް، ޝަކުވާއަކީ ކުދިން މައިންބަފައިންނާ ކުރިމަތި ލާ ގޮތް ކަމަށް ވެއެވެ. ހެނދުނު ހޭލެވޭނީ ދަރިފުޅު އަޑުގަދަކޮށް ހަޅޭލަވާތީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ދުވާލަކު އެތަކެއް ފަހަރު ދަރިފުޅުގެ ޝަކުވާ އަޑުއަހަން ޖެހިދާނެއެވެ.

ދިމާވާ ކުދިކުދި ކަންތަކާވެސް ކުދިން ޝަކުވާ ކުރެއެވެ. ނަމަވެސް ކުދިން މާ ގިނައިން ޝަކުވާ ކުރާ ނަމަ، ބެލެނިވެރިންނަށް އެއީ ނުތަނަވަސްކަން ގެނުވައެވެ. އަދި އެކަމާ ކުރިމަތިލާން އުނދަގޫވާ ފަހަރު ވެސް އާދެއެވެ.

ދަރިފުޅަކީ މާގިނައިން ޝަކުވާ ކުރާ ކުއްޖެއް ނަމަ، އެކަން ރަނގަޅުކުރަން ބެލެނިވެރިން ބޭނުންވެއެވެ. ސަބަބަކީ އެ އާދަ އަށަގަތުމުގެ ސަބަބުން ކުރިމަގުގައި ކުއްޖާއަށް ނަފްސާނީގޮތުން ގެއްލުންތަކެއް ވެދާނެތީއެވެ.

އެހެންކަމުން، ދިމާވާ ކަންތައްތަކުގައި ގޯސްކޮށް ވިސްނުމުގެ ބަދަލުގައި، ކޮންމެ ކަމެއްގެ ވެސް އޮންނަ ރަނގަޅުގޮތަށް ވިސްނަން ކުދިންނަށް ދަސްކޮށްދޭން ޖެހެއެވެ. ޝަކުވާ ގިނަ ކުދިންނަށްވެސް އެންމެ މުހިންމު އެއް ކަމަކީ މިއެވެ.

ކުދިން ޝަކުވާ ކުރުމުގެ ތެރެއިން، އަޑުގަދަކޮށް ބޮޑާހޭކުން ފަދަ ކަންކަމަކީ އެހެންމީހުނަށް އުނދަގޫވާ، ނުވަތަ ގޯސް ކަންކަން ކަމުގައި ކުއްޖާއަށް ވިސްނައިދޭން ވާނެއެވެ. ފަހަރުގައި އެއީ ގޯސްކަމެއްކަން ނުވަތަ އެހެންމީހުނަށް އެކަމުން އުނދަގޫ ވާވަރު ކުދިންނަށް އިހުސާސްވެފައި ނޯވެދާނެއެވެ.

އެހެންކަމުން ކުދިންނާ ރީތިކޮށް ވާހަކަ ދައްކައި، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރާށެވެ. މިކަމުގައި އެކި މީހުން ގެންގުޅޭ އުކުޅު ތަފާތު ވެދާނެއެވެ. ކުއްޖާ އަޑުގަދަކޮށް އުޅޭ ވަގުތެއްގެ ވީޑިއޯ ކުރެވިދާނެ އެވެ. އަދި ފަހުން އެ ވީޑިއޯ ކުއްޖާއަށް ދެއްކުމަށް ފަހު، އެއީ ހަޑިކަމެއް ކަމަށާއި އެކަން ކުރުމުން އެހެންމީހުނަށް ވާނެ އުނދަގޫވެސް ވިސްނާދެވިދާނެއެވެ.

އަދި ޝަކުވާ ކުރާއިރު ކުދިންގެ އަމަލުތައް ހުންނަ ގޮތުން، ކުއްޖާ ބުނަން ބޭނުންވާ އެއްޗެއް ރަނގަޅަށް ދޭހަ ނުވާކަމަށް ވެސް ބުނެވިދާނެއެވެ. އޭރުން ޝަކުވާއެއް ކޮށް، ވާހަކައެއް ބުނާނަމަވެސް ކުދިން ރީތިކޮށް އެ ވާހަކައެއް ދެއްކުމަށް މަގުފަހި ވާނެއެވެ. އަދި ކުދިން ރީތިކޮށް މަޑުމައިތިރިކަމާއެކު ވާހަކަ ދައްކާނަމަ، އެކަން ފާހަގަކޮށް ހިތްވަރު ދޭށެވެ.

ކުދިން ކަންކަމާ ބޮޑާހަދައި، މައްސަލަ ޖައްާނަމަ، އެ މައްސަލައެއްގެ ހައްލަކީ ކޮބައިކަމާމެދު ކުދިންނާއެކު މަޝްވަރާ ކޮށްލާށެވެ. އަދި އެކަމުގައި ކުއްޖާގެ ޚިޔާލު ހޯދައި، އެ މައްސަލަ ހައްލުކުރެވޭނެ ދެތިން ގޮތެއް ކިޔައިދޭށެވެ. އޭގެ ސަބަބުން ކުއްޖާއަށް މައްސަލަ ހައްލުކުރުމުގެ ހުނަރު ދަސްވެ، ބޮޑާހޭކުމާއި ޝަކުވާކުރުން ދުރުކޮށްދޭނެއެވެ.

ކަންކަމާމެ ގޯސްކޮށް ކުއްޖާ ވިސްނާނަމަ، އެކަމުގެ ރަނގަޅުގޮތްތައް ވެސް ކުއްޖާއަށް ވިސްނައިދޭށެވެ. އެ ކަމެއްގައި އޮންނަ ރަނގަޅު ގޮތާއި ގޯސްގޮތް ކިޔައިދިނުމުން، ކަންކަމާމެދު ވިސްނުމަށް ކުއްޖާއަށް އެހީތެރިވެދެއެވެ.

ތަފާތު އިހުސާސްތަކަކީ ދިރިއުޅުމުގެ ބައެއްކަން ކުދިންނަށް ވިސްނައިދޭން ޖެހެއެވެ. އަބަދު ވާނީ އުފާވާ ކަންތައްތައް ނޫން ކަމާއި، ދެރަވާ ނުވަތަ ރުޅިގަދަވާ ކަންތައްތައް ވެސް ދިމާވާނެ ކަމާއި، އެއީ ދިރިއުޅުމުގެ ބައެއްކަން ކުދިންނަށް ވިސްނައިދޭން ވާނެއެވެ.

އެހެން ނަމަވެސް އެ ވާހަކަތައް ކިޔައި ދިނުމުގެ ކުރީގައި، ކުދިންގެ ޝަކުވާތައް އަޑުއަހައި، ދިމާވީ ކޮން ކަމެއްތޯ ކިޔައިދީ ނިމެންދެން ކެއްކުރަން ޖެހޭނެއެވެ. ކުދިންނަށް ދޭ ނަސޭހަތް ވެސް ސަމާލުކަންދީގެން އެކުދިން އަޑުއަހާނީ އޭރުންނެވެ.

ކުދިންނަށް ކަމެއް ދިމާވުމުން ނުވަތަ ޝަކުވާއެއް ކުރުމުން، އެކަން ހައްލުކުރާން ގޮތްތައް ކިޔައިދިނުމަށް ފަހު، އެކަމުގެ ފިޔަވަޅުއަޅަން ކުދިންނަށް ފުރުސަތު ދޭން ވާނެއެވެ. ކުރިމަތިވާ ތަފާތު ކަންކަމުން އަރައިގަންނާނެގޮތް ކިޔައިދީ އޮޅުންފިލުވައި ދިނުމުގެ ސަބަބުން، ކުދިން އަމިއްލައަށް އެކަންކަމަށް ފިޔަވަޅުއަޅަށް ދަސްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް