ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީ އިރުމަތީފަރާތު ފަޅުތެރޭގައި މަރާލުމަށް ފަހު އެއްލާލާފައި އޮއްވަ ފެނުނު ކުއްޖާގެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނީ ރޭ ދަންވަރު 2:30 ހާއިރު އެވެ. އެ ކުއްޖާ މޫދުގައި އޮތީ ފޮއްޓަކަށް ލާފައި އެވެ.
ފުލުހުންނާއި ޖެންޑާ ގުޅިގެން މިއަދު ދިން ޕްރެސް ސްޓޭޓްމެންޓެއްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. މި މައްސަލައިގައި ދެ މީހުން ހައްޔަރުކުރުމުގެ އިތުރުންވެސް ބޮޑެތި ކުރިއެރުންތަކެއް މައްސަލައިގެ ތަހުގީގަށް ލިބުނުކަމަށް ވިދާޅުވި އެވެ.
އެކަމަކު މި މައްސަލައިގަ މަރާލާފައިވަނީ އަދި ކަންކަން ކޮށްފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭތީ މައުލޫމާތު ހާމަ ކުރުމުގައި ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ ގާނޫނުތަކާއި އެއްގޮތަށް އަމަލު އަމަލު ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އާއިލާ އަށް ނިކަމެތިކަން އަންނާނެ ގޮތަށް އެއްވެސް ފަރާތަކުން ނުކުރުން ބަޝީރު އިލްތިމާސްކުރެއްވި އެވެ.
މި ބައްދަލުމުގައި ވާހަކަ ދައްކަމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލެ ފޭސް 2ގެ މީހުން ވަނުން މަނާ ސަރަހައްދުގައި ބަޔަކު ކުޑަކުއްޖަކަށް އަނިޔާ ކުރާ ކަމުގެ ރިޕޯޓު ލިބިގެން އެތަން ބެލުމުން ކަމަށެވެ.
އޭނާ ވިދާޅުވީ މި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކި ހޯދުމުގެ މަސައްކަތް ކަމަށާއި މައްސަލައާއި ގުޅިގެން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދައި މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ބޭނުންވާ ގަރީނާ ހޯދުމުގެ މަސައްކަތް ކަމަށެވެ.
މި މައްސަލައިގަ ފުލުހުްނ ހައްޔަރު ކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް