މަރާލާފައި އޮއްވަ ފެނުނު ކުއްޖާ ދިޔައީ ޖެންޑާއިން އިޖްތިމާއީ އެހީ ހޯދަމުން

ރަހީނުކޮށް މަރާލާފައި އޮއްވަ ފެނުނު ކުއްޖާ ދިޔައީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ އެހީތެރިކަން ހޯދަމުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. އުމުރުން 13 އަހަރުގެ އެ ކުއްޖާ މަރާލާފައި...

22 Jun 2021 | 12:04

ރަހީނުކޮށް މަރާލާފައި އޮއްވަ ފެނުނު ކުއްޖާ ދިޔައީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ އެހީތެރިކަން ހޯދަމުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އުމުރުން 13 އަހަރުގެ އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނީ އާއިލާއިން އޭނާ ގެއްލިގެން އާދިއްތަ ދުވަހު ރިޕޯޓުކޮށްފައިވަނިކޮށް ރޭ މެންދަމު 2:30 ހާއިރު އެވެ. ރާއިފް މަރާލާފައި އޮއްވަ ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުމަތީ ފަޅުތެރޭގައި ފޮއްޓަކަށް ލާފަ އޮއްވަ އެވެ.

މި މައްސަލައިގަ މިއަދު ފުލުހުންނާއި ޖެންޑާ ގުޅިގެން ދިން ސްޓޭޓްމެންޓެއްގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ އެ ކުއްޖާ ދިޔައީ އިޖްތިމާއީ އެހީތެރިކަން އެ ސާވިސް މެދުވެރިކޮށް ހޯދަމުން ކަމަށެވެ. އަދި އެ ކުއްޖާއަށް ޗައިލްޑް ޕްރޮޓެކްޝަން އެޖެންސީން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވަނީ ކުއްޖާގެ މަންމަ ކަމަށް ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ އެ ކުއްޖާ އަކީ ކިޔެވުން މެދުކަނޑާލައިގެން އުޅޭ ކުއްޖެއް ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކައެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުއްޖާގެ ޓީޗަރުން މެދުވެރިކޮށް ހޯދި މައުލޫމާތަށް ބަލާއިރު ދަރިވަރު ކިޔެވުމުގައި ރަނގަޅު ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ ކުޑަކުދިންނާއި ގުޅޭ މައުލޫމާތު ހާމަ ކުރުމުގައި ކުޑަކުދިންގެ ރައްކާތެރިކަމާއި ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލު ކުރަންޖެހޭ ކަމަށެވެ. އެކަމަކު މި މައްސަލައިގަ ބައެއް ނޫސްތަކާއި އާންމުން ވަނީ މަރުވި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ މައުލޫމާތު އާންމުކޮށް އާއިލާއަށް ވަރަށް ބޮޑަށް ނިކަމެތިކަން ދީފައި ކަމަށް ޔުމްނާ ވިދާޅުވި އެވެ.

މި މައްސަލައިގަ ބައެއް އޮންލައިން ނޫސްތަކުގައި ވަނީ އެ ކުއްޖާގެ އާއިލީ ގިނަ ވާހާކަތަކެއްގެ އިތުރުން ކުއްޖާގެ ދިރިއުޅުމާއި އަހުލާގާއި ގުޅޭ މައުލޫމާތުތަކެއް އާންމު ކޮށްފައި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އާންމުންނަށް އެނގޭ މައުލޫމާތެއް ވާނަމަ ފުލުހުންނާއި ހިއްސާ ކުރުމަށް އެދިފައިވެ އެވެ.

ކުއްޖާ މަރާލި މައްސަލައިގަ ފުލުހުން މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ދެ މީހުންނެވެ. އެއީ އުމުރުން 17 އަހަރާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް