އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާނު ކުރައްވާފައިވާ "ވެކްސިން ހިލޭ" ޕްރޮގްރާމް ފެށި ފުރަތަމަ ދުވަހު އެ ގައުމުގައި އަށް މިލިއަން މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ.
އެ ޕްރޮގްރާމް ފެށީ އިއްޔެ އެވެ. މޯދީ ވަނީ އިއްޔެއިން ފެށިގެން އިންޑިއާގެ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ހިލޭ ކޯވިޑް ވެކްސިން ދޭނެ ކަމަށް ވިދާޅުވެފައި އެވެ.
ފުރަތަމަ ދުވަހު އެހާ ގިނަ މީހުންނަށް ވެކްސިން ދެވުމުން މޯދީ ވަނީ ޓުވިޓާ މެދުވެރި ކުރައްވާ މަރުހަބާ ވިދާޅުވެފައި އެވެ.
މި ޕްރޮގްރާމްގެ ދަށުން އަމިއްލަ ހޮސްޕިޓަލްތަކާއި ސަރުކާރު ހޮސްޕިޓަލްތަކުން ރައްޔިތުންނަށް ކޯވިޑް ވެކްސިން ޖެހޭނެ ކަމަށް އިންޑިއާ ސަރުކާޜުން ބުނެ އެވެ. އަދި އަމިއްލަ ހޮސްޕިޓަލްތަކަށް ހިދުމަތުގެ ފީގެ ގޮތުގައި ނެގޭނެ ކަމަށް ކަނޑައަޅާފައިވަނީ ގިނަ ވެގެން 150 ރުޕީސް އެވެ.
އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވެކްސިން އުފައްދާ އަމިއްލަ ކުންފުނިތަކުން އުފައްދާ ވެކްސިންގެ 75 ޕަސެންޓު ސަރުކާރުން ގަންނާށެވެ. އަދި އަނެއް 25 ޕަސެންޓު އަމިއްލަ ހޮސްޕިޓަލްތަކުން ގަންނަގޮތަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގައި އަދި ވެކްސިންގެ ދެ ޑޯޒު ފުރިހަަމަ ކޮށްފައިވަނީ އާބާދީގެ އެންމެ ފަސް ޕަސެންޓު މީހުންނެވެ. އިންޑިއާގެ އާބާދީ އަކީ 1.39 ބިލިއަން މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް