ނަފުރަތުގެ ބިލަށް ގެންނަން ފެންނަ އިސްލާޙުތައް އިސްލާމިކް މިނިސްޓްރީން ފޮނުވައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލަށް ގެންނަން ފެންނަ އިސްލާހުތައް އިސްލާމިކް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. އެ މައްސަލަ ދިރާސާ ކުރާ މަޖިލީހުގެ ޖުޑީޝަރީ ކޮމ...

22 Jun 2021 | 10:51

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލަށް ގެންނަން ފެންނަ އިސްލާހުތައް އިސްލާމިކް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ދިރާސާ ކުރާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމީ އިސްލާމިކް މިނިސްޓްރީގެ ލަފާ ލިޔުމުން ހޯދާށެވެ. މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާޓުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މިނިސްޓްރީން އިސްލާހު ކުރަން ހުށަހަޅާފައިވަނީ މައިގަނޑު ތިން ކަމެއް ކަމަށެވެ. އެކަންކަމަކީ ދީނީ އިލްމުވެރިންނާއި ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރުމަށް ފަހު ހުށަހަޅާފައިވާ ކަންކަން ކަމަށް ބުނެފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނައަށް ގެއްލުން ލިބުމަށް މަގުފަހިވާ ފަދަ ކުށްތައް މަނާކުރުމެވެ. ދެން ހިމެނެނީ އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮ ކަންކަމަށް ގޮވާލުމާއި ނުބައި ކަންކަން ނަހީކުރުމުގެ ވާޖިބަށް ހުރަސް އެޅިދާފަދަ މާއްދާތައް އިސްލާހުކުރުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް ބިލުގައި ހިމެނުމެވެ.

އެ މިނިސްޓްރީން ބުނީ މި ދުވަސްވަރަކީ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއް ކަމަށެވެ. އެހެން ކަމުން ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރާއިރު އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ގާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިއްމު ކަމެއްކަމަށް ދެކޭ ކަމަށެވެ.

އިސްލާމްދީނާއި މުސްލިމުންނާއި ދެކޮޅަށް އަދި އިންސާނިއްޔަތާ ދެކޮޅަށް ބައެއް ގައުމުތަކުން ނުވަތަ ޖަމިއްޔާތަކުން ބޮޑެތި ޖަރީމާތައް ހިންގާއިރު، އެކަމާ ދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނެ ގޮތަށް ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ބަލައިގަނެވޭ ކަންތައްތައް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އެހެންކަމުން އެފަދަ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަކުރެވިދާނެތީ އެފަދަ ބައެއް ލަފްޒުތަކަށް ވެސް ރައުޔުގައި ރިއާޔަތްކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމް ދީނާ ގުޅުންހުރި މިފަދަ މުހިންމު ބިލެއް ފާސްކުރާއިރު، މަޖިލީހުން އެ މިނިސްޓްރީގެ ރައުޔު އޮޅުންފިލުވުމަކީ މަޖިލީހުން ކުރި ރަނގަޅު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ބިލު ފާސްވެގެން އަންނަ އިރު ދީނީ އިލްމުވެރިންގެ ލަފަޔަށް ބިނާކޮށް މިނިސްޓްރީން ހުށަހެޅު ރައުޔުގައި ހުރި ކަންތައްތަކަށް ރިއާޔަތްކޮށް، އެ އިސްލާހުތައް ހިމަނާނެ ކަމާށް އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް