ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާބެހޭ އާންމު ގަވާއިދުގެ ދަށުން، ރަށު ކައުންސިލުތަކުން ތައްޔާރުކުރަންޖެހޭ " ވޯޓަރ ސޭފްޓީ ޕްލޭން" އާއި، "ސެނިޓޭޝަން ސޭފްޓީ ޕްލޭން" ހެދުމަށްޓަކައި ބޭނުންވާ ތަމްރީނު ޕްރޮގްރާމް މިއަދު އޮންލައިންކޮށް ފަށައިފިއެވެ.
މިޓްރެއިނިންގ ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތު ފުރިހަމަކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަލްފާޟިލް އަހްމަދު މުޖްތަބާ އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަލްފާޟިލް އަހްމަދު މުޖްތަބާގެ އިތުރުން ވޯލްޑް ހެލްތް އޯގަނައިޒޭޝަންއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓޭޓިވް، ޑރ.ނަޒްނީން އަންވަރު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ޚިދުމަތް ދެމުންދާ ރައްތަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، " ވޯޓަރ ސޭފްޓީ ޕްލޭން" އާއި، "ސެނިޓޭޝަން ސޭފްޓީ ޕްލޭން" ތައްޔާރުކޮށް ތަންފީޒުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެންވައިރަމެންޓް މިނިސްޓްރީން ބުނެއެވެ.
މިތަމްރީން ޕްރޮގްރާމް ކުރިއަށް ދާނީ ފަސް ދުވަހުގެ މުއްދަތަކަށް ބަހައިލައިގެންނެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާއި ގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިތަމްރީނު ޕްރޮގްރާމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ފެނާއި ނަރުދަމާ ޚިދުމަތްދޭ ކުންފުނިތައް، ސިޓީ އަދި އަތޮޅު ކައުންސިލުތަކުގެ ކަމާގުޅޭ މުވައްޒަފުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވެއެވެ.
މިއަދު މި ފެށިގެން ދިޔަ " ވޯޓަރ ސޭފްޓީ ޕްލޭން" އާއި، "ސެނިޓޭޝަން ސޭފްޓީ ޕްލޭން" ތައްޔާރުކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމަކީ މި ދާއިރާ ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ހުޅުވާލެވިގެން ދިޔަ އިތުރު ދޮރެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް