ކުއްޖާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އޮޅައިގެން ކަމަށް ބެލެވޭ، ހައްޔަރު ކުރީ އެކުގައި އުޅޭ ދެ މީހުން

ރަހީނުކޮށް މަރާލާފައި އޮއްވަ ފެނުނު 13 އަހަރުގެ ކުއްޖާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އޮޅައިގެން ކަމަށް ރިޕޯޓުތައް ބުނެފި އެވެ. މަރާލާފައި އޮއްވަ ފެނިފައިވަނީ ގދ. މަޑަވެއްޔަށް ނިސްބަތްވާ ރާއިފް އަން...

22 Jun 2021 | 05:29

ރަހީނުކޮށް މަރާލާފައި އޮއްވަ ފެނުނު 13 އަހަރުގެ ކުއްޖާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އޮޅައިގެން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މަރާލާފައި އޮއްވަ ފެނިފައިވަނީ ގދ. މަޑަވެއްޔަށް ނިސްބަތްވާ ރާއިފް އަންވަރު ކަމަށް މައުލޫމާތު ލިބެ އެވެ.

އޮންލައިން ނޫސް "ވަން" ގައި އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނު މީހަކާއި ހަވާލާދީ ބުނެފައިވަނީ ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. އަދި ކުއްޖާގެ ކަރުގައި ވަށް އެއްޗެއް އޮޅައި ބާރުކޮށްގެން މަރާލާފައި ވާކަމުގެ ނިޝާންތައް ހުރި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނީ ރޭ މެންދަމު 2:30 ހާއިރު އެވެ.

އެކުއްޖާ ފެނިފައިވަނީ ފޮއްޓަކަށް ލައި ހުޅުމާލޭ ދެވަނަ ފިޔަވަހީ މޫދަށް އެއްލާލާފައި އޮއްވަ އެވެ. އެ ފޮށި ފުލުހުން ނަގާފައިވަނީ ކަރުތާ ފެނާއި ހިސާބުން ކަމަށް ބައެއް މީހުން މީޑިއާގައި ބުނެފައިވެ އެވެ.

މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލައިގަ ހައްޔަރު ކުރި ދެމީހުންނަކީ އެ ކުއްޖާ އާއި އެކު އެއްކޮށް އުޅެނިކޮށް ފެނިފައިވާ ދެމީހުންނެވެ.

އަދި މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރާ ކަމަށްވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް