ނާޒިމްގެ ޝަރީއަތް ކުރިޔަށް ގެންދިޔައީ ރަނގަޅަށް، ހުކުމްވެސް ރަނގަޅު: ދައުލަތް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ރަނގަޅަށް ކަމަށް ބުނެ، ނާޒިމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި ދައުލަތުން ދިފާއު ކުރައްވައިފި އެވެ. ހަނގު...

22 Jun 2015 | 08:33

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ރަނގަޅަށް ކަމަށް ބުނެ، ނާޒިމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި ދައުލަތުން ދިފާއު ކުރައްވައިފި އެވެ.

ހަނގުރާމަވެރި ހަތިޔާރު އެތެރެ ކުރުމުގެ ކުށުގައި ނާޒިމަށް އިއްވި ޖަލު ހުކުމް ނާޒިމްގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި ދެވަނަ އަޑުއެހުމުގައި ޖަވާބުދާރީވަމުން ދައުލަތުން ވަކީލް އާދަމް އާރިފް ވިދާޅުވީ ދަށު ކޯޓުގެ ފަނޑިޔާރުން ޝަރީއަތް ކުރިއަށް ގެންދެވިއިރު އިޖްރާއަތާ ޚިލާފް އެއްވެސް ކަމެއް ހިންގާފައިނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލު މިއަދުގެ ޝަރީއަތުގައި ވިދާޅުވީ ދަށު ކޯޓުގެ ޝަރީއަތުގައި ގާނޫނާއި ހިލާފް ކަމެއް ނެތް ކަމަށާއި އެކަށީގެންވާ ވަގުތާއި ފުރުސަތު ދެ ފަރާތަށް ވެސް ދަށު ކޯޓުން ދިން ކަމަށެވެ. އަދި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ހިންގާފައިވާކަން އެނގެން ނެތް ކަމަށާއި ހެކިބަހުގައި ފުށުއެރުން ހުއްޓަސް ނަތީޖާއަށް އަސަރު ކުރާނެ ކަމެއް އެ ޝަރީއަތުގައި ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

ނާޒިމްގެ ފަރާތުން ހުށަހެޅި ދިފާއީ ބައެއް ހެކިން ހާޒިރުކޮށްފައިނުވާ މައްސަލަ ނާޒިމްގެ ފަރާތުން ފާހަގަކޮށްފައިވާތީ އެކަމާ ގުޅިގެން އާރިފް ވިދާޅުވީ ނާޒިމްގެ ފަރާތުން ހެކި ހުށަހަޅާފައިވަނީ ސާބިތުކުރަން ބޭނުންވާ ކަންކަން ބަޔާން ކުރުމެއް ނެތި ކަމަށެވެ. އަދި ޝަރީއަތަށް ހުށަހެޅޭ ހެކިންގެ ތެރެއިން ހާޒިރުކުރަންޖެހޭ ހެކިންނާ ހާޒިރުކުރަން ނުޖެހޭ ހެކިން ކަނޑައެޅުމަކީ ފަނޑިޔާރުގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަހަމަކަމުގެ އުސޫލާއި ހިލާފަށް ނާޒިމްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް އާރިފް ވިދާޅުވީ ދައުވާ ކުރުމާއި ނުކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިގެންވާ ބާރެއް ކަމަށެވެ. އަދި ނާޒިމަށް ދައުވާ ކުރުމަށް ފަހު އޭނާގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދުގެ މައްޗަށް ކުރި އަނބުރާ ގެންދިޔައީ އެ ދެ މީހުންނަކީ އެއް ހާލަތެއްގައި ތިބި ދެ މީހުން ކަމަށް ނުވާތީ ތަފާތު ކަމެއް ހުރި ބައެއްގެ މެދުގައި ހަމަހަމަކަން ގާއިމް ކުރުމުގެ ގޮތުން ކަމަށް އާރިފް ވިދާޅުވި އެވެ.

ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ ދައުލަތުގެ ޖަވާބު އިއްވުން ނިންމާލަމުން އާރިފް އެދިވަޑައިގަތީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް ދިނުމަށެވެ.

ދައުލަތުގެ ވާހަކަތަކާ ގުޅިގެން ނާޒިމްގެ ފަރާތުން މިއަދު ޖަވާބުދާރީވާން މަސައްކަތްކުރި ނަމަވެސް ފަނޑިޔާރުންގެ ވަގުތުތައް ހުރިގޮތުން ފަނޑިޔާރުންގެ ބެންޗުން ނިންމީ ނާޒިމްގެ ފަރާތުން ވާހަކަ ދެއްކުން މާދަމާ ކުރިއަށް ގެންދިއުމަށެވެ. އެހެންވެ މާދަމާ އިތުރު އަޑުއެހުމެއް އޮންނާނެ އެވެ.

ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ބަލާ އެ މައްސަލައިގެ އަޑުއެހުންތައް މިހަފުތާގެ ކޮންމެ ދުވަހަކު ކުރިއަށް ގެންދަން ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް